ރާއްޖެއާ އެކު ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް އެމެރިކާ، އިނގިރޭސި ވިލާތް އަދި ޖަޕާނަށް ރާއްޖެއިން ދައުވަތު ދީފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓް ކަމުގައިވާ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ކޮށް ނިންމައި، އަދި ހޮންގް ކޮންގްއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓުގެ މަޝްވަރާތައް ފަށާފައިވާ އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓު ހެދުމަށް މަޝްވަރާކުރަން އިނގިރޭސި ވިލާތް، އެމެރިކާ އަދި ޖަޕާނަށް ދައުވަތު ދީފައިވާ ކަމަށެވެ.

ދިވެހި އިންޝުއަރެންސް ކޮމްޕެނީ އިފްތިތާހު ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދިވެހިރާއްޖެއަކީ އިމްޕޯޓު ޑިއުޓީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ، ރާއްޖެއަކީ ދުނިޔޭގެ އެކި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ، އަދި ވިޔަފާރިތަކަށް މެދުވެރިކޮށްދޭ ގައުމަކަށް ހެދުން ކަމަށެވެ.

"ބޭރުގެ އަދި ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ، އެންމެ ފުރިހަަ ގޮތުގައި ޓްރޭޑު ފެސިލިޓޭޓު ކޮށްދޭ، ކިތަންމެ ކުޑަ ނަމަވެސް ބައިނަލްއަގުވާމީ ވިޔަފާރިތަކުން ބަލައިގަންނަ ގައުމަކަށް ރާއްޖެ ވުން [އަމާޒަކީ]،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުވަތު ދީފައިވާނެ، ޔޫއެސް، ޖަޕާން އަދި ޔޫކޭއާ އެކު ފްރީ ޓްރޭޑް ޑިސްކަޝަންސްއަށް ވަނުމަށް."

މިދިޔަ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި، ޗައިނާއާ އެކު އެފްޓީއޭގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު ވަނީ ނިންމާލައްވައިފައެވެ. ޗައިނާއަކީ ރާއްޖެއިން އެފްޓީއޭއެއް އެކުލަވާލުމަށް މަސައްކަތް ކުރާ ފުރަތަމަ ގައުމެވެ.

މިނިސްޓަރު ވިދާޅުވީ ޗައިނާއާ އެކު ކުރި މަޝްވަރާތަކުން، ސީފުޑްގެ 300 ވަރަކަށް އައިޓަމް ޗައިނާއަށް އެކްސްޕޯޓު ކުރާ އިރު ޑިއުޓީ ކަނޑާލެވޭނެ ކަމުގެ ސިގްނަލް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މިއަދު ވިސްނަން ޖެހިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު މިކަން ނުކުރަންވީ ސަބަބެއް ނެތް. ރާއްޖެއަށް ޑިނގާ، ސާޑީން ވެސް ގެނެވޭނެ. ސީފުޑް ލިސްޓުގައި ހިމެނޭ ހުރިހާ އެއްޗެއް ގެނެސް، ވަޒީފާގެ ބާޒާރަށް ތިޔާގިކަމެއް ހޯދިއްޖެ ކަމަށް ވަންޏާ ރާއްޖެ އެބަ ކޮލިފައިވޭ، ދުނިޔޭގެ އެންމެ ބޮޑެތި މާކެޓުތަކަށް ރާއްޖޭގެ ޕްރޮޑަކްޓްތަކުގެ ގޮތުގައި އެތަކެތި ވިއްކުމަށް،" މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވިއެވެ.