25 Oct 2016, 17:21
ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުން ރާއްޖެއިން ނައްތާލުމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމަށް ސެމިނާއެއް މިއަދު ފަށައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި އެ ސެމިނާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓެރަރިޒަމް ނައްތާލުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އެ ސެމިނާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ އިތުރުން ބޭރުގެ ފަރާތްތަކުން އެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
އެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިއުން މުޅި ދުނިޔޭގައިވެސް އިތުރުވެފައިވާތީ އެ ނުރައްކަލުން ސަލާމަތްވުމަށް ރާއްޖެއިންވެސް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ
މިނިސްޓަރުގެ ވާހަކަފުޅުގައި އެ ކަމަކީ ހުރިހާ ގައުމުތަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވި އެވެ.
އެ ސެމިނާގައި ޓެރަރިޒަމާ ހައްދުފަހަނަ އަޅައިދިއުމުގެ ސަބަބުން ހާއްސަ ގޮތެއްގައި ރާއްޖޭގެ ފަތުވެރިކަމަށް އޮތް ނުރައްކަލާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ ސެމިނާގައި 11 ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ.