25 Oct 2016, 12:14
ޕީޕީއެމް ހިންގުން އެޕާޓީގެ މުޝްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރި މައްސަލަ ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ސިވިލް ކޯޓުން ހުކުމް ކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ހުކުމް ޕީޕީއެމްގެ އަމިއްލަ މެމްބަރަކު ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
އެމައްސަލަ ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފު ކުރިކަން ރައީސް މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވަނީ ޔަގީންކޮށްދީފައެވެ.
ސިވިލް ކޯޓަށް އެމައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ގަވާއިދާ އެއްގޮތަށް ބާއްވަމުން ނުދާ ކަމަށް ބުނެ ޕީޕީއެމް ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
އެމައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ނިންމައި ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްއަށް ދިމާވެފައިވާ މައްސަލައިގެ އެންމެ ރަނގަޅު ފަރުވާއަކީ މުޝްތަޝާރު، ރައީސް ޔާމީނާ ޕާޓީ ހަވާލުކުރުން ކަމަށެވެ.