25 Oct 2016, 10:42
ވޭތުވެދިޔަ ހަތް އަހަރުގެ ތެރެއިން ހަ ފަހަރު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލިއޮނަލް މެސީ އާއި އެއްފަހަރު އެ އެވޯޑް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ސްޕެނިޝް ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސް ފޯވާޑް އެންޓޮނީ ގްރިޒްމަން ހޯދައިފި އެވެ.
ލަލީގާ ފުޓުބޯލް އެވޯޑް ނުވަތަ (އެލްއެފްޕީ) އެވޯޑް 2009 ވަނަ އަހަރުން ފެށިގެން ދެމެންދާއިރު ނިމިދިޔަ ސީޒްން އާއި 2012-2013 ވަނަ އަހަރުގެ ސީޒަން ފިޔަވައި ދެން އެ އެވޯޑް ހޯދާފައިވަނީ މެސީ އެވެ.
ސްޕެއިންގެ ވެލެންސިއާގައި ރޭ ބޭއްވި އެލްއެފްޕީއިން އެވޯޑް ޚަފްލާގައި ކުޅުންތެރިންގެ ނަންތަށް އިއުލާން ކޮށްފައިވާ އިރު މިފަހަރު އެންމެ ގިނަ އެވޯޑް ލިބެނީ އެތުލެޓިކޯ މެޑްރިޑަށެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑް ގްރިޒްމަން ހޯދިއިރު އޭނާ ވަނީ ސަޕޯޓަރުން ވޯޓް ދީގެން ހޮވާ ފޭން ފައިވް ސްޓާ އެވޯޑް ނުވަތަ ޖޫޑޯ ޗިންކޯ އިސްޓްރެލަސް ޑި ލަ އެފީޝަން އެވޯޑް ވެސް ހޯދައިފަ އެވެ.
އެތުލެޓިކޯއިން ދެން އެވޯޑް ލިބުނީ އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމް ޖެން އޮބްލެށާއި އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދި ޑިއެގޯ ގޮޑިންއަށެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ވެސް ލިބުނީ އެތުލެޓިކޯއަށް މިދިޔަ ސީޒަނުގައި ލީގްގެ ތިން ވަނަ ހޯދަދިން ޑިއެގޯ ސިމިއޯނީއަށެވެ.
އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ލިބުނީ ރެއާލް މެޑްރިޑްގެ ލުކާ މޮޑްރިޗްއަށެވެ. ދެން ރެއާލަށް ލިބުނީ އަލަށް ލަލީގާގައި ކޫޅޭ ކުޅުންތެރިޔާދޭ އެވޯޑް ލިބުނު މާކޯ އެސެންސިއޯއަށެވެ.
އެލްއެފްޕީގެ އެވޯޑްގެ އެންމެ ކާމިޔާބްއެއް ކުލަބްކަމަށްވާ ބާސެލީނާއަށް ވެސް މިފަހަރު ލިބުނީ ދެ އެވޯޑެވެ. އެއީ މެސީއަށް ލިބުނު މޮޅު ފޯވާޑްގެ އެވޯޑް އާއި ސުއަރޭޒްއަށް ލިބުނު ވޯލްޑް ޕްލެއާގެ އެވޯޑް އެވެ.