ކުއެޓާ (އޮކްޓޯބަރު 25): ޕާކިސްތާނުގެ ކުއެޓާގައި ހުންނަ ފުލުހުން ތަމްރީނު ކުރާ އެކަޑަމީއަކަށް ތިން ހަނގުރާމަވެރިން ވަދެ ދިން ހަމަލާތަކުގައި 58 މީހަކު މަރާލައިފި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އިއްޔެ ބޮން ހަރުކޮށްފައިވާ ވެސްޓު އަޅައިގެން ތިބި ތިން ހަނގުރާމަވެރިން ވަނީ ފުލުހުންގެ އެކަޑަމީއަށް ވަދެ ބަޔަކު ރަހީނުކޮށްފަ އެވެ.

"އަޅުގަނޑަށް ފެނުނު މޫނު ފޮރުވައިގެން، ބަޑި ހިފައިގެން ތިބި ތިން މީހުން ޑޯމް އަށް ވަދެ ބަޑި ޖަހަން ފެށިތަން. އަޅުގަނޑު ސަލާމަތްވީ ފާރެއް މަތިން ފުއްމާލައިގެން،" އެކަޑަމީގެ ދަރިވަރަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ތިން ހަނގުރާމަވެރިންގެ ތެރެއިން ދެ މީހަކު މަރުވީ ބޮން ހަރުކޮށްފައިވާ ވެސްޓު ގޮއްވާލުމުގެ ސަބަބުންނެވެ. ތިން ވަނަ މީހާ މަރާލީ ކޮލެޖުގައި ތިބި މީހުން ސަލާމަތް ކުރުމަށް ޕާކިސްތާނު އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގަ އެވެ.

ސަތޭކަ ވަރަކަށް މީހަކަށް އަނިޔާވި އެ ހާދިސާގައި ގިނައިން މަރުވެފައި ވަނީ އެކަޑަމީގެ ދަރިވަރުން ކަމަށް ފުލުހުން ބުނެ އެެވެ. މޭޖާ ޖެނެރަލް ޝާ އަފްގާން ވިދާޅުވި ގޮތުގައި ގިނަ މީހުން މަރުވީ ބޮން ގޮއްވާލުމުގެ ސަބަބުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަކްޝަރު އީ ޖަންގްވީ އެވެ. އަދި އެހަމަލާ ދީފައި ވަނީ އަފްގާނިސްތާނުގައި ތިބި ހަނގުރާމަވެރިންނާ ގުޅިގެންނެވެ.

ފުލުހުން އެފަދައިން ބުނި ނަމަވެސް އިއްޔެ ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. (ބީބީސީ)