10 Jun 2011, 10:57
ޓްރިޕޮލީ : ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ އެތަށް ސަރަޙައްދަކަށް ނޭޓޯގެ މަތިންދާބޯޓުތަކުން ބޮމުގެ ވަރަށް ވަރުގަދަ ޙަމަލާތަކެއްދީފިއެވެ.
ޓްރިޕޮލީގައި ތިއްބަވާ ބޭރުގެ މުރާސިލުން ސިފަކުރާ ގޮތުގައި މިއީ މިހާތަނަށް ނޭޓޯއިން ދީފައިނުވާފަދަ ވަރުގަދަ ހަމަލާތަކެކެވެ. ނޭޓޯގެ ޙަމަލާތަކުގައި 20 މީހަކު މަރުވެ 100 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާ ކަމަށާ މީގެތެރޭގައި ގިނައީ ޢާންމުން ކަމަށް ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ލީބިޔާގެ ޓީވީ ޚަބަރުދެއެވެ.
ނޭޓޯގެ ކޮމާންޑުންވެސްވަނީ ޓްރިޕޮލީއަށް ވަރުގަދަ ހަމަލާތަކެއް ދިންކަން ހާމަކޮށްފައެވެ. ނަމަވެސް އެޙަމަލާތައް އަމާޒުކުރިކަމަށް ނޭޓޯއިިން ބުނަނީ "ގައްޒާފީގެ ޢަސްކަރީ ބާރުތަކުގެ ކޮމާންޑިންގ ސެންޓަރު" ތަކަށް ކަމުގައެވެ. އިއްޔެ ޙަމަލާތަކުގައި ލީބިޔާގެ ގިނަޢަދަދެއްގެ ޢާންމުން މަރުވިކަމަށް ގައްޒާފީގެ ސަރުކާރުންބުނާ ވާހަކަތަކަށް ނޭޓޯއިން ރައްދު ދީފައެެއްނުވެއެވެ. ނޭޓޯގެ ޙަމަލާތަކުގެ ބޮޑުބައި އަމާޒުކޮށްފައިވަނީ ގައްޒާފީގެ ރިޔާސީ އެކުވެންޏަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ނޭޓޯއިން މިޙަމަލާތައް ދީފައިވަނީ ގައްޒާފީގެ ވެރިކަން ވަރަށް އަވަހަށް ވެއްޓިދާނެ ކަމަށް ވިދާޅުވެ އެޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ގައްޒާފީއަށް އިންޒާރު ކުރައްވާފައި ވަނިކޮށެވެ. ގައްޒާފީ އަވަހާރަ ކޮށްލުމަކީ ނޭޓޯގެ ސިއްރު ލަނޑުދަނޑިއެއް ކަމަށް ލީބިޔާގެ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވަނީ ގައްޒާފީގެ ވެރިކަން ނިމުމަކަަށްދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވުމާބެހޭގޮތުން އަބޫދަބީ ގައި ބޭއްވި ލީބިޔާގެ ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ގައްޒާފީގެ ވެރިކަން ވެއްޓުމަށް ދެން މާގިނަދުވަސްތަކެއް ނުނަގާނެ ކަމުގައެވެ.
އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅިގެން އެމެރިކާ މިހާރު މަސައްކަތް ކުރަމުންގެންދަނީ ގައްޒާފީއަށްފަހު ލީބިޔާގެ ކަންތައްތައް ހަމައަކަށް އެޅުވޭނެ ގޮތްތަކާބެހޭ ގޮތުންކަމަށް ހިލަރީ ވިދާޅުވިއެވެ. (ބީ.ބީ.ސީ+އަލްޖަޒީރާ)