07 May 2010, 11:18
14:30
ޕްރޮވިންސް ހެދުމަށް މި ސަރުކާރުން ނިންމީ، އެއްވެސް ހާލެއްގައި އެކަމުގައި ސިޔާސީ ފުރުސަތެއް، ސިޔާސީ ބޭނުމެއް އޮވެގެނެއް ނޫން ކަމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ހަތް ސަރަހައްދަކަށް ބަލާލައިގެން ހިނގަން ބޭނުންވީ ތަރައްޤީގެ މަސްރޫއުތައް އެންމެ ބާރަށް ހިންގޭން އޮތް ގޮތަކީ އެއީ ކަމުގައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ އެޑްރެސްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްފަހު އެމަނިކުފާނުގެ އަރިހަށް ތަސްދީގުކުރެއްވުމަށް ފޮނުއްވާފައިވާ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމާ ބެހޭ ބިލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލާ ބެހޭ ގޮތުން އެމަނިކުފާނުގެ ހިޔާލުހުރި ގޮތުގެ މައްޗަށް ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިސަރުކާރުން އެންމެ ފުރަތަމަ ވެސް ވެރިކަމާ ހަވާލުވުމަށްފަހު، ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ މިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވަރުގަދަ މަސައްކަތެއް ހިންގާނެ ކަމަށް ވެފައިވާ ވައުދު ކަމުގައި ވިދާޅުވި އެވެ. އަދި ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ ރައްޔިތު މީހާއާ އެންމެ ގާތުން އެމީހާގެ ކަންކަން ނިންމުމުގެ އިހްތިޔާރު އެމީހާއަށް ދިނުން ކަމަށާއި އަދި ލާމަރުކަޒީ އުސޫލު ޑިމޮކްރަސީގެ ތެރޭގައި ތައާރަފްވާން ޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އެއީ ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ލާމަރުކަޒީ އުސޫލުން ތަރައްޤީގެ މަޝްރޫޢުތައް އެންމެ ބާރަށް ހިންގޭނީ ވެރިކަމުގައި މާލޭގައި އެއްވެފައިހުރި ބާރުތައް ހަތް ސަރަޙައްދަކަށް ބަހާލައިގެން ކަމަށާއި، އެއީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޕްރޮވިންސް ހެއްދެވުމުގެ ބޭނުންފުޅަކީ، ކުރީގައި އޮތްގޮތް ނޫން އެހެން ފުރިހަމަ، ފުޅާ ގޮތެއް ހޯއްދަވައިގެން އެގޮތަކަށް ގެންދެވުން ކަމަށާއި، އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، މި ޕްރޮވިންސްގެ އުސޫލު ތަޢާރުފު ކުރައްވައި އެކަން ތަންފީޒު ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އެހެންނަމަވެސް، މިހާރު އެކަން ވާންއޮތީ އިތުރު އެއް ޤާނޫނަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންވީމާ، މި އެދިވަޑައިގަންނަވާ ފުރިހަމަ ބަދަލު ގެންނެވޭނީ އަދި ފަހުން ކަމަށް ވިދާޅުވެ، އެ ބިލް މިހާރު ފާސްވެފައި އޮތްގޮތަށް ތަޞްދީޤު ކުރެއްވުމަށް ނިންމަވަނީކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އަނެއް ބިލް ކަމަށްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެ ބިލް މަޖިލީހުން ފާސްކުރައްވާފައިވާ ގޮތުން ވަރަށް ގިނަބަޔެއްގެ ޙައްޤު ގެއްލޭކަން ފާހަގަކުރެއްވި އެވެ. އެ ބިލުގައި އޮތްގޮތަށް ކަން ކުރިއަށް ގެންގޮސްފިނަމަ، ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލެވެނީ އެނބުރި ވޯޓުލާ ދުވަހު ރަށަށްގޮސްގެން ކަމަށާއި، އެހެންވީމާ ވޯޓު ޙައްޤުވާ މީހުންގެ ދެބައިކުޅައެއްބައި މީހުންނަށް ވޯޓު ނުލެވޭގޮތަކަށް ކަންކަން އިންތިޒާމުކޮށްފައި އޮންނަ ޤާނޫނެއް ތަންފީޒުކުރުމަށް ފުރުސަތު ދެއްވުމަކީ، އެންމެފަހު ވަގުތު ނޫނިއްޔާ ދެން އެހެން ގޮތެއް އެމަނިކުފާނަށް ނެތުނީމާ ނޫނިއްޔާ ކުރައްވާނެ ކަމެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ހިތާބުގައި ގޭތެރޭގެ ހަމަނުޖެހުމާއި، އަރާރުމާއި، ޒުވާބުކުރުމާއި އަދި އަނިޔާކުރުމާއި، އަންހެނުންނަށް ފޮށުމާއި، އަދި އަންހެނުންނަށް ނިކަމެތިކޮށް ހިތުމާއި، އަންހެނުންނާ ގުޅޭގޮތުން މިބާވަތުގެ އެތައްއެތައް ކަމެއް ހިނގަމުންދާތީވެ، އެކަންކަމަށް ހުއްޓުމެއް ގެނައުމުގެ އުންމީދުގައި ޑީ.އާރު.ޕީ.ގެ އަންހެން ގޮފިން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ހިނގަމުންދާތީ އެކަން ފާހަގަކުރައްވި އެވެ. އަދި ސަރުކާރުންވެސް މި ބާވަތުގެ ޤާނޫނެއް އެކުލަވާލެއްވުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި، އެހެންނަމަވެސް، ސަރުކާރުން އެކުލަވާލައްވާ ޤާނޫނަށްވުރެ، ވާދަވެރި ފަރާތަކުން މިކަހަލަ ކަމަކާ ގުޅޭގޮތުން އެކުލަވާލައްވާ ޤާނޫނަކަށް ޢަމަލުކުރުމަށް މަސައްކަތްކުރެއްވުން މާބުއްދިވެރި ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި، ޑީ.އާރު.ޕީ.ގެ އަންހެންގޮފީގެ ރައީސާ ދުންޔާ މައުމޫން އެކުރައްވާ މަސައްކަތްޕުޅަށް ވެވަޑައިގެންނެވި މިންވަރަކުން ތަރުޙީބު ދެއްވަން ބޭނުންފުޅު ކަމަށާއި، އެ ބިލް ދާދިއަވަހަށް މަޖިލީހަށް ހުށަހެޅިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.