ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލަތަކަށް އައްޔަން ވާން ބޭނުންވާ ވަކީލުން މައްސަލައިގެ އަޑުއެހުން ބޭވުމުގެ ކުރިން ފޯމު ހުށަހެޅުމުން އައްޔަން ވެވޭނެ ކަމަށް ކަނޑައަޅައި އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކްރިމިނަލް ކޯޓުގެ "ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގެ އުސޫލު"ގެ އަށް ވަނަ މާއްދާގެ (ށ) ކުރިން އޮތް ގޮތުން އެކޯޓުގައި ހިނގާ މައްސަލައަށް ވަކީލަކު އައްޔަން ވާން ބޭނުންވާ ނަމަ މައްސަލައިގެ އަޑުއެހުން ފެށުމުގެ ދެ ދުވަސް ކުރިން އެ ކޯޓަށް ފޯމު ހުށަހަޅަން ޖެހެ އެވެ.

ނަމަވެސް އެ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު އޮންނަ ގޮތުން ކޯޓުގައި އަޑުއެހުން ފެށުމުގެ ކުރިން ވަކީލު ފޯމު ހުށަހަޅައިފި ނަމަ މައްސަލާގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އޭގެ އިތުރުން "ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގެ އުސޫލު" 14 ވަނަ މާއްދާ ކްރިމިނަލް ކޯޓުން ވަނީ އުވާލާފަ އެވެ. އެ މާއްދާއަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި މަސައްކަތް ކުރާ ވަކީލުން ދިފާއީ ވަކީލެއްގެ ގޮތުގައި ބަލައި ނުގަތުމަށް ކަނޑައަޅާފައިވާ މާއްދާ އެކެވެ.

އެ މާއްދާ އުވާލައި އަށް ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް ބުނެފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި ދައުވާ ކުރާ ފަރާތެއްގެ ހައިސިއްޔަތުން އެމީހަކު އެމައްސަލައެއް ތަހުގީގު ކުރުމުގައި ބައިވެރިވެފައިވާ ނަމަ ދިފާއީ ވަކީލެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

އެމީހެއްގެ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި ވެސް ދިފާއީ ވަކީލެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ބަދަލާ އެކު ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ ވަކީލުން މައްސަލަ ތަހުގީގު ކުރުމުގައި ނުވަތަ މައްސަަލައިގެ ދައުވާ ކުރާ ފަރާތެއްގެ ގޮތުގައި ބައިވެރި ނުވާ ނަމަ ދިފާއީ ވަކީލެއްގެ ގޮތުން ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރެވޭނެ އެވެ.