25 Oct 2016, 13:19
ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ހާން އާއި މަލައިކާ އަރޯރާގެ ވަރީގެ ވާހަކަ ދެކެވޭތާ އަހަރެއްހާ ދުވަސް މިވަނީ ވެފަ އެވެ. ކައިވެނި ރޫޅާލަން ނިންމާފައިވާ ކަން ހާމަކޮށް ދެމީހުން ވަކިވެފައި ވަނީ މާޗް މަހު އެވެ.
ވަރިވުމަށް ނިންމާފައިވާ ކަމަށް ބުނެ ދެމީހުން ދިން ނޫސް ބަޔާނަށް ފަހު މަލައިކާ ވަނީ ދެމީހުންގެ ދަރިފުޅާ އެކު ގެއިން ވެސް ނުކުމެފަ އެވެ.
ދެ މީހުން ވެސް ކުރިން ބުނެފައި ވަނީ، އެއީ ކަންކަން ހަމައަކަށް އެޅުވުމަށް ނެގި ކުޑަ 'ބްރޭކެއް' ކަމަށެވެ.
އެ 'ބްރޭކް'ގެ ސަބަބުން ދެމީހުންގެ ދެމެދު މައްސަލަތައް ހައްލުވެ ކަންކަން ހަމައަކަށް އެޅެމުން އަންނަ ކަމުގެ ނިޝާންތައް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން އަރްބާޒް އާއި މަލައިކާ މިހާރު ވަނީ ކައިވެނި އެއްކޮށް ރޫޅާލަން ނިންމި ނިންމުން ކުޑަކޮށް ފަސްކޮށްލައިފަ އެވެ. ކުރިން ނިންމާފައި އޮތީ ދިވާލީ އަށް ފަހު ކޯޓަށް މައްސަލަ ހުށަހެޅުމަށެވެ.
ނަމަވެސް ދެފަރާތުގެ އާއިލާގެ ފިއްތުންތަކުގެ ސަބަބުން ދެމީހުން މިހާރު ވަނީ އަދި ވަރިނުވުމަށް ނިންމައިފަ އެވެ.
ފަހަކަށް އައިސް މަލައިކާ އާއި އަރްބާޒް އެކުގައި ތަންތަނަށް ގޮސް އުޅޭ މަންޒަރު ވަރަށް ގިނަ އިން ފެނެ އެވެ. ދެމީހުންގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނަ އިރު ދެމީހުންގެ ދެމެދު ކަންކަން ރަނގަޅު ވަމުން އަންނަ ކަމަށް ބެލިދާނެ އެވެ.