ދުނިޔޭގައި މިހާރު އޮތް އެންމެ ދުވަސްވީ ތިން ކުނބުލީ ނައު ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ. މިއީ ނޯވޭގައި އޮންނަ އެންމެ ދުވަސްވީ، ބޮޑު ތިން ރިޔާނެގި ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ.

ދެ އަހަރުގެ ތެރޭގައި ދުނިޔެ ވަށާ ޖެހުމުގެ ދަތުރެއް ފަށާފައިވާ ނޯވޭގެ، "އެސްއެސް ސޯލަންގަ" ނުވަތަ "ދަ ޕާލް އޮފް ނޯވޭ" މިހާރު ބަނދަރުކޮށްފައި އޮތީ ލަންކާގައެވެ. ލަންކާއަށް ކުރާ ދަތުރުގައި އެ ގައުމުގެ މެރިޓައިމް ދަރިވަރުންނާ ބައްދަލުކޮށް، ތަފާތު ހަރަކާތްތައް ހިންގަމުންދާ ކަމަށް އެގައުމުގައި ހުންނަ ނޯވޭގެ އެމަބްސީއާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނެ އެވެ.

ދެ އަހަރުގެ ތެރޭގައި އެ ނައު ފަށާފައިވާ ދަތުރުގައި ޖުމްލަ 44 ޕޯޓަކަށާއި 22 ގައުމަކަށް ދިއުމަށް ވަނީ ނިންމާފައެވެ. ދަތުރުގައި ރާއްޖެއަށް އަންނަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށް ލަންކާގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކެއް އަދި އެނގިފައެއްނުވެ އެވެ.

ނޯވޭގެ ހުޅަނގު އައްސޭރި ފަށުގައި އޮންނަ ސިޓީއެއްގައި 1927 ވަނަ އަހަރު ބަދެފައިވާ، ހަތަރު ކުނބު (ރިޔާ ނެގުމުގެ ބޭނުމުގައި ފުރާދުއްވާ ތަކެތީގެ މެދުތެރޭގައި ޖަހައިފައި ހުންނަ ދިގުދަނޑި) އާއި 27 ރިޔަލުގެ "ޕާލް އޮފް ނޯވޭ" ނައު ދުނިޔޭގެ އެކި ކަނޑުތަކުގައި ދަތުރުކުރާތާ މިހާރު 90 އަހަރާ ވަނީ ގާތްވެފައެވެ. އަދި އެއީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަލެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ ނަވެކެވެ.

ނަމަވެސް މިހާރު އެ ނައު ބޭނުންކުރަނީ ދަރިވަރުންނާއި ކެޑޭޓުން ތަމްރީންކުރާ ބޯޓެއްގެ ގޮތުގައެވެ. އެގޮތުން، މިހާރު އެ ނައު ފަށާފައިވާ ދަތުރުގައި ވެސް އޭގެ އެތެރޭގައި ހަދާފައިވާ ބޯޑިން ސްކޫލުގައި ނޯވޭ އަދި އެކި ގައުމުތަކުގެ 70 ދަރިވަރުން ދަތުރުކުރަމުންދެ އެވެ.

އެގޮތުން، މިއަހަރާ އަންނަ އަހަރުގެ ތެރޭގައި އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެ ނައު ދާން ހަމަޖެހިފައިވަނީ ސްރީ ލަންކާ އަދި ރާއްޖޭގެ އިތުރުން ހޮންގް ކޮންގް، ވިއެޓްނާމް، ބުރުނާއީ އަދި އިންޑޮނޭޝިއާ އަށެވެ.