25 Oct 2016, 08:37
ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަކީ އެތައް ގޮތަކުން ހާއްސަ އެވޯޑެކެވެ.
އެވޯޑަށް ނޮމިނޭޓްވެފައިވާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ފެށިގެން އެވޯޑްސް އިންތިޒާމްކުރާ ފަރާތާއި އެވޯޑުގެ ޕާޓްނަރުންނަށް ބަލާލި ނަމަވެސް އެކަން ފާހަގަވާނެ އެވެ. އެވޯޑްސްގެ އެންމެ ހާއްސަ އެއް ކަމަކީ މިއަހަރުގެ އެވޯޑްސް ބާއްވާ ސްރީލަންކާގެ އެންމެ މަޝްހޫރު ހޮޓެލްތަކުގެ ތެރޭގައި ހިމެނޭ، މައުންޓް ލެވީނިއާ ހޮޓެލެވެ.
ގާތްގަނޑަކަށް 200 އަހަރުގެ ދިގު ތާރީހެއް އޮތް، ލަންކާގެ އެންމެ ދުވަސްވީ އެ ހޮޓަލަކީ 1806 ވަނަ އަހަރު އިނގިރޭސީންގެ ވެރިކަމުގައި ލަންކާ އޮތް ދުސްވަރު ދެވަނަ ގަވަނަރުކަން އަދާކުރެއްވި ތޯމަސް މައިޓްލޭންޑްގެ ދިރިއުޅުއްވުމަށް އަމިއްލަ ގެއެއްގެ ގޮތުގައި 1806 ވަނަ އަހަރު އެޅި ތަނެކެވެ.
ސަޓާ އެވޯޑްސް އަށް ލަންކާއިން ނޮމިނޭޓްވި ފަރާތްތަކުގެ ޕްރެޒެންޓޭޝަން ވެސް އެތަނުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ހޮޓަލުން ވަނީ ސަޓާ އެވޯޑްސް ބަލަން ލަންކާއަށްދާ މީހުންނަށް، އެ ހޮޓަލުގައި ތިބުމަށް ހާއްސަ އަގެއް ވެސް ކަނޑައަޅާފަ އެވެ.
އެގޮތުން، ރާއްޖޭގެ އިތުރުން ލަންކާ އަދި އިންޑިއާ އިން ވެސް ސަޓާ އެވޯޑްސްގެ ގާލާ އިވެންޓުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މައުންޓް ލެވީނިއާގެ ހޮޓަލުން ވަނީ ހާއްސަ ޕްރޮމޯޝަން ކޯޑް (SATA1) ތައާރަފްކޮށްފައެވެ.
އަންނަ މަހުގެ 15 އަދި 16 ގައި ސަޓާ އެވޯޑްސްގެ ގާލާ އިވެންޓާއި އެވޯޑް ރަސްމިއްޔާތު ބާއްވާއިރު، އެވޯޑް ރަސްމިއްޔާތަށް ހާއްސަކޮށްގެން މައުންޓް ލެވީނިއާއިން ތައާރަފްކުރި ޕްރޮމޯޝަން ކޯޑު ބޭނުންކުރެވޭނީ ހަމައެކަނި އަންނަ މަހުގެ 15 އިން 17 އަށް އެ ހޮޓަލުގައި ހުންނަން ބޭނުންވާ މީހުންނަށެވެ. އަދި ރިޒަވޭޝަން ހަދަންޖެހޭނީ އެ ހޮޓަލުގެ ވެބްސައިޓް މެދުވެރިކޮށެވެ.
ޕްރޮމޯޝަން ބޭނުންކޮށްގެން މައުންޓް ލެވީނިއާ ހޮޓެލުގެ ހިތްގައިމު ޓްވިން ބެޑްސް ޑައިރެކްޓް އޯޝަން ވިއު އަދި ކިންގް ބެޑް ޑައިރެކްޓް އޯޝަން ވިއު ރޫމެއް ރެއަކަށް 121.99 ޑޮލަރަށް ލިބޭނެ އެވެ. އެ ދޭ ޕެކޭޖުގެ ތެރޭގައި އެ ހޮޓަލުން ނަގާ ޓެކްސް އާއި ހެނދުނުގެ ނާސްތާ ވެސް ހިމެނެ އެވެ.
ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން މިއަހަރު ބާއްވާ ސަޓާ އެވޯޑްސް އިންތިޒާމް ކުރަނީ ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒް އިންނެވެ.