25 Oct 2016, 08:33
އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ގްރޫޕުގެ ޗެއާމަންގެ މަގާމުގައި ހުރި ސައިރަސް މިސްޓްރީ ކުއްލި ގޮތަކަށް އެމަގާމުން ވަކިކޮށް، އެކުންފުންޏަށް އާ ޗެއާމަނަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ޓާޓާ ގްރޫޕުގެ ހިއްސާތައް ބަލަހައްޓާ "ޓާޓާ ސަންސް" ހޯލްޑިންގް ކުންފުނިން މިއަދު ސައިރަސް މިސްޓްރީ، އެކުންފުނީގެ ޗެއާމަންކަމުން ވަކިކުރި ސަބަބެއް ނޭނގެއެވެ. ސައިރަސް ވަކިކުރުމާ އެކު، ޓާޓާ ގްރޫޕުގެ ޗެއާމަންގެ މަގާމަށް، އެގްރޫޕުގެ ކުރީގެ ޗެއާމަން ރަތަން ޓާޓާ ވަނީ ވަގުތީ ގޮތުން އައްޔަނު ކޮށްފައެވެ.
ރަތަން ޓާޓާއަކީ 1991 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ޓާޓާ ގްރޫޕުގެ ޗެއާމަނެވެ. އެ ގްރޫޕުގެ ޗެއާމަންގެ މަގާމަށް ސައިރަސް މިސްޓްރީ އައްޔަނުކުރީ 2012 ވަނަ އަހަރު، ރަތަން ޓާޓާ ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޓާޓާގެ ޗެއާމަންކަމުން މިއަދު ވަކިކުރި ސައިރަސް މިސްޓްރީއަކީ ޓާޓާ އާއިލާއަށް ނިސްބަތް ނުވާ ދެވަނަ ޗެއާމަނެވެ. ސައިރަސްގެ ކުރިން ޓާޓާގެ ޗެއާމަން ކުރި، އެ އާއިލާއަށް ނިސްބަތް ނުވާ ފަރާތަކީ 1932 އިން 1938 އަށް ޓާޓާގެ ޗެއާމަންގެ މަގާމުގައި ހުރި ނައުރޯޖީ ސަކުލަތުވާލާއެވެ.
މިސްޓްރީއަކީ އިންޑިއާގެ ކޮންސްޓްރަކްޝަން ދާއިރާގެ ބޮޑު ވިޔަފާރިވެރިއެއް ކަމުގައިވާ ޕައްލޮންޖީ މިސްޓްރީގެ އެންމެ ހަގު ދަރިއެވެ. ޕައްލޮންޖީގެ ކުންފުނި، ޝަޕޫރުޖީ ޕައްލޮންޖީ ގްރޫޕުން ޓާޓާ ގްރޫޕުގެ 18 ޕަސަންޓު ހިއްސާ ވެރިކުރެއެވެ.
ޓާޓާއަށް އާ ޗެއާމަނަކު މިހާރު ހޯދުމުގެ މަސައްކަތް ކުރަމުން ދާ އިރު، ވަގުތީ ގޮތުން ޗެއާމަންކަން ކުރައްވާ ރަތަން ޓާޓާގެ ޗެއާމަންކަމުގެ ދަށުގައި ޓާޓާއިން ވަނީ ބޮޑެތި ވިޔަފާރި ޑިޒިޝަންތައް ނަގައިފައެވެ. އެގޮތުން ރަތަންގެ ޗެއާމަންކަމުގެ ދަށުން ޓާޓާއިން ވަނީ ޖެގުއާ ލޭންޑް ރޯވަރ ކުންފުނި ވެސް ގަނެފައެވެ.
ޓާޓާއަކީ އިންޑިއާގެ އެންމެ ބޮޑު، އަދި އެންމެ ދުވަސްވީ އެއް ވިޔަފާރި ކޮންގްލޮމަރޭޓެވެ. ޓާޓާގެ ސަބްސިޑަރީތައް 100 އިން ގުނާލެވޭ އިރު، އޭގެ ޓާޓާ ސްޓީލްސް، ޓާޓާ ހައުސިންގް، ޓާޖް ހޮޓެލްސް، ގޭޓްވޭ ހޮޓެލްސް، އެއާ އޭޝިއާ އިންޑިއާ، ޓާޓާ ސްކައި ފަދަ ނަން މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.
މީގެ އިތުރުން ޓާޓާއިން ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތައް ގަނެފައި ވެސް ވެއެވެ.
ޓާޓާއަށް އާ ޗެއާމަނަކު ހޯދުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އުފައްދާފައިވާ އިރު، އެ ކޮމިޓީއަށް ދީފައިވާ މުހުލަތަކީ ހަތަރު މަސް ދުވަހެވެ.