ހެންވޭރު ގެއެއްގައި މަސައްކަތް ކުރަން ގެންގުޅުނު އިންޑިއާ އަންހެނަކު ނަހަލާލަށް ބަލިވެ އިނދެ، ހަތަރު މަހުގައި ކުއްޖާ އެބޯޓް ކޮށްލައިފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 6:40 އެހާކަންހާއިރު ގޭގެ ފާހާނާތެރޭގައި އުމުރުން32 އަހަރުގެ އިންޑިއާ އަންހެނަކު ވިހާފައިވާ ކަމަށެވެ. އަދި އޭނާ އެ ކުއްޖާ ވިހާފައި ވަނީ ހަތަރު މަހުގައި ކަމަށާއި އެ ކުއްޖާގެ ހަށިގަނޑު އާސަހަރާގައި މިއަދު މެންދުރު ވަޅުލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ބަނޑަށް ހަތަރު މަހުގެ ކުއްޖެއް އެއީ. އެ ކުއްޖާ އައިޖީއެމްއެޗަށް ގެނައިއިރު އޮތީ މަރުވެފައި،" ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ފުލުހުން ބުނީ އިންޑިއާގެ އަންހެންމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް އޭނާގެ ފަރާތުން ހޯދަމުން އަންނަ ކަމަށެވެ.

ބިދޭސީ އަންހެނާ ސިއްރުން ވިހޭ ކުއްޖާގެ ހަށިގަނޑު އާ ސަހަރާގައި ވަޅުލާފައި ވަނީ މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށެވެ. އަދި އެ ކުއްޖާ ވަޅުލިއިރު، އިންޑިއާ އަންހެނާ ރާއްޖެގައި މީހުން ވެސް އާސަހަރާގައި ތިއްބެވެ.

ބިދޭސީ އަންހެނާ ރާއްޖެ ގެނައި ފަރާތުން ސަން އަށް މައުލޫމާތު ދެމުން މިއަދު ބުނީ، އެ އަންހެން މީހާއަކީ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ އަންހެނެއް ކަމަށާއި އޭނާ މީހަކާ ކައިވެނިކޮށްގެން ނޫޅޭ ކަމަށެވެ.

"އަހަރުންގެ ނަމުގައި އޭނަ ރާއްޖެ ގެނައީ. ގޭގައި މަސައްކަތް ކުރަން ގެންގުޅެނީ ވެސް،" އޭނާ ބުންޏެވެ.