ރާއްޖޭގެ ރީތިކަމާއި ހިތްގައިމު ކަމުގެ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. ރާއްޖޭގެ ރީތިކަމުގެ ޖާދޫގައި ޖެހި މަޝްހޫރު އެތައް ފަރާތްތަކެއް ޗުއްޓީ ހޭދަކޮށްލުމަށާއި ހަނީމޫނަށް ވެސް އެންމެ ކަމުދާ މަންޒިލްގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފައެވެ. ހާއްސަކޮށް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި މިތަނަކީ އެއްވަނަ އެވެ.

މިހާރު އިންޑިއާގެ މީޑިއާތަކުގައި ފެންމަތިވެފައިވާ ރިޕޯޓްތައް ބުނާ ގޮތުގައި، ބޮލީވުޑްގައި އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ބަތަލާ، އާލިއާ ބަޓް އޭނާގެ މަންމަގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަންނަން ވަނީ ނިންމާފަ އެވެ.

އާލިއާގެ މަންމަ، ސޯނީ ރަޒްދާން އަށް 60 އަހަރު ފުރޭ އުފަން ދުވަހަށް އާލިއާގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި މުޅި އާއިލާ ގޮވައިގެން ރާއްޖެ އައުމަށް ނިންމާފައިވާކަން އޭނާ ހާމަކޮށްފައި ވަނީ ކަލާސް އިންފިނިޓީން ގެނެސްދޭ "ވޯގް ބީއެފްއެފް"ގައި މިހަފްތާގައި ގެނެސްދޭން ހަމަޖެހިފައި ވަނީ ޝޯގެ ހާއްސަ ސެގްމެންޓެއްގަ އެވެ.

އެ ޝޯގައި ބައިވެރިވާ ގެސްޓުގެ ބީއެފްއެފް އަކަށް ނުވަތަ އެންމެ ގާތް އެކުވެރިއަކަށް އާލިއާއާއެކު އޭނާގެ ބައްޕަ، މަހޭޝް ބަޓް ބައިވެރިވާއިރު، ޝޯގެ ހޯސްޓް ވަނީ އާލިއާއާ އަދި ސިދާރްތު މަލޯތުރާ ފެންނަ "ވޯގް އިންޑިއާ'ގެ އަދަދު ދައްކާލާފަ އެވެ.

މިއަހަރުގެ މާޗް މަހު ނެރުނު އެ އަދަދުގައި އެ ދެ ތަރިންގެ ހިތްގައިމު ފޮޓޯގެ ފުރަގަހުން ފެނިގެންދަނީ ދިވެހިރާއްޖޭގެ ގޮނޑުދޮށެވެ.

"ވޯގް އިންޑިއާ'ގެ މިއަހަރުގެ މާޗް މަހުގެ ކަވާ: އެ އަދަދުގައި އާލިއާއާ އަދި ސިދާރްތުގެ ހިތްގައިމު ފެނިގެންދަނީ ރާއްޖޭގެ އަތިރިމަތި ---

ނަމަވެސް ހޯސްޓް އެ މެގަޒިން ދައްކާލުމުން އުފާވެ އެއަށް ފުރަތަމަ އެއްޗެކޭ ބުނީ، އާލިއާގެ ބަދަލުގައި އޭނާގެ ބައްޕައެވެ. އޭނާ ބުނީ، އެއީ އާލިއާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

"އެއީ އަހަރެން ބައްޕަ ގެންދަން އުޅޭތަން. ޗުއްޓީއަކަށް. މިއީ އަހަރެންގެ މަންމަގެ އުފަން ދުވަސް،" ބައްޕަގެ ޖަވާބާ ގުޅިގެން އުފާވެފައި އާލިއާ ބުންޏެވެ.

ނަމަވެސް، އާލިއާ ރާއްޖެ އަންނާނީ ކޮން ދުވަހަކު ކަން އޭނާ ބުނެފައެއްނުވެ އެވެ. އަދި އާއިލާއާއެކު އޭނާގެ ލޯބިވެރިއާ ސިދާރްތު އަންނާނެ ކަމަށް ވެސް ނޭނގެ އެވެ.

އާލިއާ އޭނާގެ އާއިލާ ރާއްޖެ އަންނާނެ ކަން ބުނެފައިވާއިރު، މިއަހަރަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އައިސްފައިވާ އަހަރެކެވެ.

އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ސުޕާސްޓާ އަމީތާބު ބައްޗަން އާއި އޭނާގެ އާއިލާގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި އޭނާގެ އާއިލާ އަދި ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ ކަރަން ސިން ގްރޯވަރު އަދި ބިޕާޝާ ބާސޫގެ ހިމެނެ އެވެ.