25 Oct 2016, 09:01
އެފްރިކާގެ ގައުމެއް ކަމުގައިވާ ކެންޔާގައި، އެކިއެކި ކުށްތަކުގައި މަރަން ހުކުމް ކޮށްފައިވާ އެންމެންގެ ހުކުމްތައް، އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށް، ލުއިކޮށްދީފިއެވެ.
މިއީ ކެންޔާގެ ރައީސަށް ލިބިވަޑައިގެންވާ އިޚްތިޔާރީ ބާރެއްގެ ދަށުން ނިންމެވި ނިންމުމެކެވެ.
ކެންޔާގެ ރައީސް އުހުރު ކެންޔަޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރުގެ ހުކުމްތައް އުމުރު ދުވަހުގެ ޖަލު ހުކުމަށް ލުއިކޮށްދިނުމަށްޓަކައި ސޮއިކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއްގައި މިއަދު ސޮއިކުރައްވާފައިވާ ކަމަށެވެ.
ކެންޔާގައި އެކި މައްސަލަތަކުގައި 2،700 އަށް ވުރެ ގިނަ މީހުންނަށް މަރުގެ ހުކުމް އިއްވާފައިވެއެވެ. ނަމަވެސް އެގައުމުގައި މަރުގެ ހުކުމެއް ތަންފީޒު ނުކުރާތާ 30 އަހަރާ ގާތް ވެއްޖެއެވެ. އެގައުމުގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1987ގައެވެ.
ކެންޔާގެ ރިޔާސީ ގަނޑުވަރުން ބުނާ ގޮތުގައި، މަރުގެ ހުކުމްތަކަށް ރައީސް ކެންޔަޓާ ލުޔެއް ދެއްވާފައިވާ އިރު، ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ 102 ގައިދީން ވަނީ މިނިވަން ވެސް ކޮށްދީފައެވެ.
ދެހާސް ނުވަ ވަނަ އަހަރު، ކެންޔާގައި އޭރު ހުންނެވި ރައީސް މުވައި ކިބާކީ ވެސް ވަނީ، މަރުގެ ހުކުމް އިއްވާފައިވާ ގިނަ އަދަދެއްގެ ކުށްވެރިންނަށް އަދަބު ލުއިކޮށްދީފައެވެ.
ކެންޔާގައި މަރުގެ ހުކުމް އިއްވާ ބައެއް ޖަރީމާތަކުގެ ތެރޭގައި މީހުން މެރުން، ގައުމަށް ޣައްދާރުވުން އަދި ލޭއޮހޮރުވުން ހިމެނޭ ގޮތަށް ވައްކަމާއި ފޭރުމުގެ އަމަލުތައް ހިންގުން ހިމެނެއެވެ.