25 Oct 2016, 00:21
އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި 5-2ގެ ނަތީޖާ އަކުން ކްލަބު ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓުން އެއް ވަނަ ޑިވިޝަނަށް ކޮލިފައިވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެންމެ ފުރަތަމަ ގޯލެއް ކާމިޔާބުކޮށް ލީޑު ނެގީ ޒެފްރޯލްއިންނެވެ. މެޗުގެ ކުރީ ކޮޅުގައި ޒެފްރޯލަށް އެ ގޯލު ކާމިޔާބްކޮށް ދިނީ ބިދޭސީ ފޯވާޑް ޖެންޖްސް މިލްޑަރޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އިސްމާއިލް ޝިޔާމްގެ ގޯލުން ގްރީން ސްޓްރީޓުން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެ ވެނަ ހާފް ފެށިގެން ދެވަނަ މިނެޓުގައި ޒެފްރޯލަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ވެސް ފުރުތަމަ ގޯލު ކާމިޔާބްކޮށްދިން މިލްޑަރޯއެވެ.
24 އޮކްޓޯބަރ 2016: އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގެ ތެރެއިން: 5-2ގެ ނަތީޖާ އަކުން ކްލަބު ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓުން އެއް ވަނަ ޑިވިޝަނަށް ވަނީ ދަތުރުކޮށްފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ގްރީން ސްޓްރީޓަށް ދެވަނަ ފަހަރު ނަތިޖާ އެއްވަރުކޮށްދިނީ މެޗުގެ 69 ވަނަ މިނެޓްގައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ސިނާޒް ހިލްމީ ކާމިޔާބްކޮށްދިން ހިތްގައިމު ގޯލުންނެވެ.
ނިއު ރޭޑިއަންޓާއި ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިރުޝާދުގެ ދަށުން ކުޅުނު ގްރީން ސްޓްރީޓަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ މެޗުގެ 80 ވަނަ މިނެޓްގައި ސިނާޒް ކާމިޔާބް ކޮށްދިން ގޯލުންނެވެ.
ގްރީން ސްޓްރީޓްގެ ފަހު ދެ ގޯލު ކާމިޔާބް ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ މޮޅު ކުޅުމެއް ދެއްކި ފޯވާޑް އަހްމަދު ރިފްޝާންގެ ފަރާތުންނެވެ.
24 އޮކްޓޯބަރ 2016: ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގެ ތެރެއިން: 5-2ގެ ނަތީޖާ އަކުން ކްލަބު ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓުން އެއް ވަނަ ޑިވިޝަނަށް ވަނީ ދަތުރުކޮށްފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރިން އެއްވަނަ ޑިވިޝަންގެ ނިއު ރޭޑިއަންޓާއި ވީބީ އައްޑޫ އެފްސީއަށް ކުޅުނު ގްރީން ސްޓްރީޓްގެ ބިދޭސީ ފޯވާޑް އަބޫ ޑެސޮމަން މަންސޫރީއެވެ. އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމް ލިބުނީ ގްރީން ސްޓްރީޓްގެ ކީޕަރު ވަލީދު އިދުރީސްއަށެވެ.
މިރޭގެ މެޗުން ބަލިވި ޒެފްރޯލަށް އެއްވަނަ ޑިވިޝަނަށް އެރުމަށް އަދި އެއްޗާންސް އޮންނާނެ އެވެ. އެއީ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ހަތް ވަނައަށް ދިޔަ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ޕްލޭއޮފްގައި ކުރި ހޯދުމެވެ.
24 އޮކްޓޯބަރ 2016: އެމްޓީސީސީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލު މެޗުގެ ތެރެއިން: 5-2ގެ ނަތީޖާ އަކުން ކްލަބު ޒެފްރޯލް ބަލިކޮށް ގްރީން ސްޓްރީޓުން އެއް ވަނަ ޑިވިޝަނަށް ވަނީ ދަތުރުކޮށްފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް