ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ ސަރުކާރުން ބުނާ ގޮތުގައި، ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ. ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅު ވަނީ އެއީ "ދަތި އުނދަގޫ، ނަމަވެސް " ނިންމި ނިންމުމެއް ކަމަށެވެ.

ސަރުކާރަށް ފާޑު ކިޔާ ފަރާތްތައް ބުނާ ގޮތުގައި މިއީ ރާއްޖެ އިން ޚާރިޖީ ދާއިރާގައި އެތައް އަހަރެއްގެ ފަހަތަށް އެޅި ފިޔަވަޅެކެވެ.

މި ނިންމުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ކުރިޔަސް ކުރާނީ ފޫބެއްދޭ ވަރުގެ އަސަރުތައް ކަމަށް ސަރުކާރުން ބުނެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ފަހު މިހާތަނަށް ވީ ދުވަސްކޮޅުގައި ވެސް އެފަދަ އަސަރެއްގެ ކޮޅުމަތި ވެސް ފެނިފައި ނުވާތީ، ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިކަމުގެ އަސަރުތަކަކީ ''ލޯންގް ޓާމް''ގައި ފެންނާނެ ކަންކަމެވެ. އެއް ހަފްތާ ނުވަތަ ދެ ހަފްތާއަކުން އެކަންކަން ނުފެންނާނެ އެވެ.

ކޮންމެއަކަސް، ކޮމަންވެލްތުން ރާއްޖެ ވަކިވެ، މިވީ ގާތްގަނޑަކަށް ދެހަފްތާ ތެރޭގައި ކޮންމެވެސް ވަރެއްގެ ބަދަލެއް ފެނިއްޖެ އެވެ. ރާއްޖެއާ ގުޅުންހުރި ޚާރިޖީ މިޝަންތަނުގެ ނަން ބަދަލުވި މަންޒަރެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅިގެން، ރާއްޖެއާ ގުޅުންހުރި ޑިޕްލޮމެޓިކް މިޝަންތަނުގެ ނަންތައް "ހައިކޮމިޝަން"ގެ ނަމުން "އެމްބަސީ"ގެ ނަމަށް މިހާރު ދަނީ ބަދަލު ކުރަމުންނެވެ.

މިއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް، ގިނަ ބަޔަކަށް ނޭނގިދާނެ ކަމެކެވެ. އަދި މިއީ ކޮމަންވެލްތާ ވެސް ގުޅުންހުރި ކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

"ހައިކޮމިޝަން"އަކީ ކޮމަންވެލްތު މެމްބަރު ގައުމަކުން، އެ ޖަމިއްޔާގެ މެމްބަރު އެހެން ގައުމެއްގައި ގާއިމުކުރާ ޑިޕްލޮމެޓިކް މިޝަނަށް ކިޔާ ނަމެވެ. އެފަދަ މިޝަނެއްގެ އިސްވެރިއަކަށް ހުންނާނީ "ހައިކޮމިޝަނަރު"އެކެވެ.

ނަމަވެސް ކޮމަންވެލްތާ ގުޅުން ނެތް ގައުމުތަކުން އެއް ގައުމެއް އަނެއް ގައުމެއްގައި ގާއިމުކުރާ މިޝަނަށް ކިޔާނީ "އެމްބަސީ"އެވެ. ހެޑް އޮފް މިޝަންއަކީ "އެމްބެސެޑާ"އެވެ.

ހަމަ އެފަދައިން، ދެ ގައުމުގެ ތެރެއިން ކޮމަންވެލްތަށް ނިސްބަތްވާ އެއް ގައުމު އޮވެފައި، ކޮމަންވެލްތަށް ނިސްބަތް ނުވާ އެއް ގައުމު ވާ ނަމަ އެހިސާބުން ވެސް ދެގައުމުގެ މިޝަންތަކުގެ ނަމަކަށް ވާނީ "އެމްބަސީ"އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ސަރުކާރުން އޮކްޓޫބަރު 13 ވަނަ ދުވަހު ނިންމައި، އޮކްޓޫބަރު 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ސަރުކާރުގެ ނިންމުމުގައި ވަނީ ސިއްކަ ޖައްސަވައިފަ އެވެ. ރާއްޖޭގެ މި ނިންމުމާ ގުޅިގެން، ރާއްޖެއާ ގުޅުން ހުރި ޑިޕްލޮމެޓިކް މިޝަންތަކުން ދަނީ އެތަންތަނުގެ ނަން ބަދަލުކުރަމުންނެވެ.

އެގޮތުން، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ނަން ބޯޑުގެ މަތީގައި "އެމްބަސީ އޮފް މޯލްޑިވްސް" އަދި "ދިވެހިރާއްޖޭގެ އެމްބަސީ" ޖަހާފައިވާ ކަރުދާސްގަނޑެއް، އެ އެމްބަސީ އިން ތަތްކޮށްފައިވާ މަންޒަރު ދައްކައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ލަންކާގެ އިތުރުން، ކޮމަންވެލްތު މެމްބަރު ގައުމުތަކުގައި ހުންނަ ދިވެހި ހައިކޮމިޝަންތަކުގެ ނަން އެމްބަސީއަށް ބަދަލުކޮށް، އެތަންތަނުގެ ސޯޝަލް މީޑިއާ ހެންޑްލްތަކާއި ވެބްސައިޓުތަކުގެ ނަން ވެސް ހައިކޮމިޝަނުން އެމްބަސީއަށް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން މެލޭޝިއާ، އިންޑިއާ، ސްރީލަންކާ އަދި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންތަކުގެ ސޯޝަލް މީޑިއާ ހެންޑްލްތަކާއި ވެބްސައިޓުތަކުގެ ނަންތައް ވަނީ ބަދަލުކޮށްފަ އެވެ.

އަދި އެ އެ މިޝަންތަކުގެ ސަފީރުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި "ހައިކޮމިޝަނަރު"ގެ ޑެޒިގްނޭޝަން "އެމްބެސެޑަރު"އަށް ދަނީ ބަދަލު ކުރައްވަމުންނެވެ.

މީގެ އިތުރުން، ކޮމަންވެލްތުގެ ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަންތަކުގެ ނަމާއި ހައިކޮމިޝަނަރުގެ މަގާމު، އެމްބަސީއާއި އެމްބެސެޑަރަށް ވެސް ދަނީ ބަދަލު ކުރަމުންނެވެ. އެގޮތުން، ކޮލޮމްބޯގައި ގާއިމުކޮށްފައިވާ "އޮސްޓްރޭލިއަން ހައިކޮމިޝަން، ސްރީލަންކާ އެންޑް މޯލްޑިވްސް"ގެ ނަމުން ދިވެހިރާއްޖެ އުނިކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭރުގެ މިޝަންތަކުގެ ތެރެއިން ކޮމަންވެލްތު ގައުމުތަކަށް ނިސްބަތް ވަނީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ މިޝަންތަކެވެ. މިތަންތަނަކީ މިހާރު ރާއްޖޭގައި ހުންނަ، އެގައުމުތަކުގެ އެމްބަސީތަކެވެ. ހުންނަވާނީ އެމްބެސެޑަރުންނެވެ.

ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތަކަށް މި އައި ބަދަލާ އެކު، އެތަންތަނުން ކުރާ މަސައްކަތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ކޮމަންވެލްތުން ވަކިވުމުން މިވަގުތަށް އައި ބަދަލަކީ މިއީއެވެ.

އެހެން ނަމަވެސް ދުރަށް ވިސްނާ އިރު، ރާއްޖެއަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކޮށްފާނެ އެވެ.

"މިއީ ރައްޖެއިން ހުޅަނގަށް ދޭ ވަރަށް ބޮޑު ފުރަގަސް ދިނުމެއް،" ޚާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅަކު "ސަން" އަށް ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރާއްޖެއަކީ މިނިވަން ދައުލަތެއް ނަމަވެސް، ކޮމަންވެލްތު ފަދަ ޖަމިއްޔާއަކާ ނުލައި ބައިނަލްއަގުވާމީ މުޖުތަމަޢާ ކުރިމަތިލުމަށް ރާއްޖެ އަދި ތައްޔާރެއް ނޫނެވެ.

"ރާއްޖެ ކޮމަންވެލްތުން ވަކިވުމަކީ މިވަގުތު ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން. މިފަދަ ޖަމިއްޔާތަކާ ނުލައި ރާއްޖެއަށް ވަރަށް އުނދަގޫވާނެ ބައިނަލްއަގުވާމީ މުޖްތަމައާ ކުރިމަތިލާން. ބައިނަލްއަގުވާމީ ހަމަނުޖެހުންތަކާއި ދެބަސްވުންތަކުގައި ރާއްޖެއަށް ސަޕޯޓެއްގެ ގޮތުގައި ހުންނަނީ ވެސް މިފަދަ ޖަމާޢަތްތައް،" ޚާރިޖީ ދާއިރާ ދިރާސާކުރާ ފަރާތަކުން ބުންޏެވެ.

މި ހުރިހާ ކަމަކާ ދިވެހި ސަރުކާރުން ދެބަސްވެ އެވެ. ސަރުކާރުން ބުނަނީ ކޮމަންވެލްތުން ރާއްޖެއަށްދޭ އެހީތައް ކެނޑުމުން، އެ އެހީތައް އެހެން ދިމަދިމާލުން ހަމަޖެހިގެން ދާނެ ކަމަށެވެ.