27 Oct 2016, 09:20
ވެރިރަށް މާލެއަކީ މި ރާއްޖޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ފަސްގަނޑެވެ. ކޮންކްރީޓް ޖަންގައްޔަކަށް ވެފައިވާ މި މާލޭގައި ހިތްފަސޭކޮށްލުމަށް ނުކުމެލާނޭ ހުންނަނީ ވަރަށް މަދު ތަނެކެވެ. އެހެން ނަމަވެސް އަދުގެ ސަރުކާރުން ދަނީ މާލޭގެ ފުރިބާރުވެފައިވާ މި ބިމުން ހުސްތަންތަންކޮޅު ހޯދައި، ރައްޔިތުންނަށް ހަމަނޭވާއެއް ލެވޭނޭ ފަދަ ވަސީލަތްތަކެއް ތަނަވަސްކޮށްދިނުމަށް މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގޮތުން، މާލޭގައި ލިބެން ހުރި ހުސް ބިންތަކުގައި، ސަރުކާރުން ދަނީ ހިތް ފަސޭހަ މައިދާންތަކެއް ހަދަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި ގުޅިގެން މާލޭގެ ތަފާތު ތިން ސަރަޙައްދެއްގައި ތަރައްޤީކުރި ޕާކު ތައް ހުޅުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މި ޕާކްތައް ހުޅުއްވައި ދެއްވީ ރައީސް ޔާމިން---ފޮޓޯ: ރައީސް އޮފީސް
ތޮއްޖެހި ނުތަނަވަސްވެފައިވާ މާލޭގައި މީހުންގެ ހިތްތަކަށް އުފާވެރިކަން ހޯދުމަށް އެފަދަ ތަންތަން ވަރަށް ވެސް މުހިންމެވެ. އަދި އެފަދަ ތަންތަން ހެޔޮގޮތުގައި ބޭނުންކުރާ މީހުން ވެސް ގިނަ އެވެ. މާލޭގެ އަގު ބޮޑު ބިމުގެ ޖާގަތަކެއް، ހިތްފަސޭހަ ކުރުމަށް ކަނޑައެޅިނަމަވެސް އެ ފުރުސަތު ބައެއް ފަހަރު ލިބިގެންދާތަނެއް ނުފެނެ އެވެ.
މައިދާންތަކަށް ގޭންގުތައް ވެރިވެގަތުން
:
މާލޭގައި އުޅޭ، ގޭންގުތަކުގެ އުނދަގޫ ކުރިއާ އަޅައިބަލާ އިރު މިހާރު ކުޑަނަމަވެސް ހުތުރު ބަހުން ވާހަކަދައްކައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަން ކުރުމަކީ އަދިވެސް އާންމު ކަމެކެވެ. އާއިލީ ގުޅުމާއި އެކުވެރިކަމުގެ އިތުރުން ލޯބީގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުން ކުރުމަށް ހަދާފައިވާ ޕާކްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާތަން މިހާރު ވެސް ވަރަށް ގިނަ އިން ފެނެ އެވެ.
ބޮޑެތި ޖަރީމާ ހިންގާ ފަރާތްތަކުން އެއްވާ މަރުކަޒު ތަކަކަށް އެތައް މަައިދާނެއް ހަދާފައިވާ އިރު އެތަންތަނުގައި މަސްތުވުމާއި މާރާމާރީ ހިންގުމަކީ ފާޅުގައި ކުރަމުން އަންނަ ކަންކަމެކެވެ. ހާއްސަކޮށް ކުރިން އެކަން ވަރަށް އިތުރެވެ. ކުޅެއުޅުމަށް ބަހައްޓާފައި ހުންނަތަކެތީގައި މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ފަދަ ތަކެތި ފޮރުވުމަކީ ކަންހިނގަމުން އަންނަގޮތެވެ.
"ދަރިފުޅު ގޮވައިގެން ދާއިރު އެބަތިބޭ ސިނގިރޭޓް ބޯން. އެހާ ހުތުރުކޮށް ވާހަކަ ދައްކަނީ. އެހެންވީމާ އަޅުގަނޑަކަށް ނުވިސްނޭ ތިޔަ ތަންތަނުގައި ކުޑަކުދިންނަށް އޮތް ފުރުސަތުތަކެއް،" މާލޭގައި ދިރިއުޅޭ ދެ ކުދިންގެ ބައްޕައަކު ބުންޏެވެ.
ރޭވެ އަނދިރިވުމަށް ފަހު އަނެއްކަންތަކާ އެ ޖެހުނީ އެވެ. ޖޯޑުޖޯޑަށް އައިސްތިބެ، އެ ގައިގޯޅިވުންތައް، ލަދެއް ހުރި މީހަކަށް ބަލާލަން ނުކެރޭ ވަރަށް އެ މަންޒަރުދާ ފަހަރުދެ އެވެ. އިސްވެ ފާހަގަކުރި ސަބަބުތަކަށް ބަލާއިރު މައިދާންތަކުން އޭގެ ހައްގުވެރިންނަށް އެންމެ އެކަށޭނަގޮތެއްގައި ބޭނުން ކުރެވޭ ތަން ބައެއް ފަހަރު ނުފެނެ އެވެ.
ހިތް ފަސޭހަ މައިދާންތައް އެދަރަޖައަށް ދިއުމަށް މަގުފަހިވާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އެތަންތަނުގެ ސެކިއުރިޓީ ދަށްކަން ފާހަގަކުރެވެއެވެ. ކެމެރާއެއް ބެހެއްޓިޔަސް ހުންނަނީ ހަލާކުކޮށްލާފަ އެވެ. ހަމައެެއާއެކު އެ ޕާކްތަކުގެ އަނދިރި ކަމަކީ އޭގެ މައިގަނޑު އެއްސަބަބެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ އަމާންކަން ދެމެހެއްޓުމަށް ޓަކައި، މާލޭގެ މަގުތަކާއި ބިންތަކާއި އާންމު ތަންތަން އަލިކޮށް ބެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާލޭގެ އެކިއެކި ސަރަހައްދުތައް އަލިކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ސްޓެލްކޯ އާ މިދިޔަ އަހަރު ތެރޭގައި ހަވާލުކޮށްފަ އެވެ. ސްޓެލްކޯއިން ދަނީ އެ މަސައްކަތް ކުރަމުންނެވެ.
ނަތީޖާ ކުރިއަށްވުރެ ރަނގަޅު!
އެކަންކަން ހައްލުކުރުމަށް ފުލުހުންގެ ޕެޓްރޯލް ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނައިރު ގިނައިން މީހުން އެއްވެ އުޅޭ ސަރަހައްދުގައި ފުލުހުން ޕެޓްރޯލްކޮށްގެން ދަނީ ބަލަމުންނެވެ. ނަތީޖާ ވެސް ކުރިއާ އަޅާބަލާއިރު ރަނގަޅެވެ.
ހައުސިން މިނިސްޓްރީއާއި ފުލުހުން ރަސްފަންނު ސަރަހައްދު ބަލަހައްޓަމުންދާ ގޮތަކީ މިކަމަށް އޮތް ހައްލެއް ކަމަށް ބެލެވެ އެވެ. އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި އިޖްތިމާއީ މިންގަނޑާ ހިލާފްކަންކަން ހުއްޓުވުމަށް މީހުން ތިބެއެވެ. ނަތީޖާވެސް ރަނގަޅު ކަމަށް ފެނެއެވެ.
ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، ކުރިން ޕާކްތައް ހުރީ ގުރޫޕުތަކުގެ ބާރުގެ ދަށުގައި ކަމަށާއި ނަމަވެސް މިހާރު ޕާކްތައް ހުރީ ގިނަ މީހުންނަށް ބޭނުން ކުރެވޭގޮތަށް ކަމަށެވެ.

"މަދު ތަންތާގައި އެބަހުރި ގުރެފިޓީ، އަދި ގޮނޑި މޭޒް ބަހައްޓާފައި، ނަމަވެސް ގިނަ ޕާކްތައް ހުރީ ރަނގަޅަށް ބޭނުންކުރެވޭގޮތަށް،" ހަމްދޫން ވިދާޅުވި އެވެ.
މިފަދަ މުޖުތަމައުއެއްގައި ވިޔާނުދާ އަމަލުތައް ހުއްޓުވުމަށް މީހުން ތިބެންޖެހެ އެވެ. ސަބަބަކީ ފަރުދީ ޒިންމާ ނަގާ މީހުން މަދުވުމެވެ. ނަަމަވެސް ދާއިމީ ހައްލަކަށް ވެގެންދާނީ ފަރުދީ ޒިންމާ ނަގައިގެންކަން ޔަގީނެވެ.
ސުނާމީ ބިނާ މައިޒާން ސަން ފޮޓޯ: މުހައްމަދު އަފްރާހް
ކޮންމެއަކަސް ސަރުކާރުން ޕާކްތަކެއް ހަދަނީ ރައްޔިތުންގެ ފައިދާއަށެވެ. ގިނަ މީހުން އެތަންތަނަށް ދަނީވެސް ހެޔޮގޮތުގައި ބޭނުން ހިފައި ހިތްހަމަޖައްސާލުމަށެވެ. އެކަމަކު އެކިއެކި ޖަރީމާތަކުގެ ސަބަބުން އެ ފުރުސަތެއް ނުލިބެއެވެ. ހިތްފަސޭހަ މައިދާންތައް ގޭންގުތަކުގެ މަރުކަޒުތަކަށް އެބަހަދަ އެވެ.