24 Oct 2016, 21:07
އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އަހްމަދު ޠާރިޤު (ޓޮމް)އަކީ، ދިވެހި ފުޓްބޯޅައަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، އަދި އެ މައްސަލަތައް ހައްލުކުމުގެ ފުރިހަމަ ގާބިލްކަން ހުރި ބޭފުޅެއްކަމަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ކްލަބް އީގަލްސް އިން ބުނެފިއެވެ.
ކްލަބު އީގަލްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މިރޭ 'ސަން ސްޕޯޓްސް' އަށް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ މިހާރު ވެއްޓިފައިވާ ހާލަތަށް، ކޮންމެ ބަޔަކު ކޮންމެ މަގުސަދެއްގައި ގެންދިޔަކަމުގައި ވީނަމަވެސް، ޓޮމްގެ ހަރުދަނާ ސިޔާސަތުގެ ދަށުން އެކަންކަން ހައްލުކުރެވޭނޭ ކަމުގެ ޔަގީންކަން ކްލަބް އީގަލްސްއަށް އެބަ އޮތް ކަމަށެވެ.
"އަހްމަދު ޠާރިޤު ދިވެހިރާއްޖޭގެ ފުޓްބޯޅައާ މެދު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަކީ، ދިވެހި ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދެވޭނެ އެންމެ ފަހި މަގުކަމުގައި މި ކްލަބުން ދެކެން،" ޓޮމްގެ ރައީސްކަމުގައި އެފްއޭއެމްގެ އެކްކޯގައިވެސް ހިމެނިވަޑައިގަންނަވާ ޝިޔާމް ވިދާޅުވިއެވެ.

މެއި 31، 2016: އެފްއޭއެމްގެ ރައީސް ކަމުގެ މަގާމަށް މުހައްމަދު ތާރިގު (ޓޮމް) އިންތިހާބުވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޓީމާ ބައްދަލު ކުރެއްވުން -- ސަން ފައިލް ފޮޓޯ
އޭނާ ވިދާޅުވީ، އެފްއޭއެމްގެ ރައީސް ކަމުގައި ޓޮމް ހޭދަކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި، ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އަލުން ދިރުން ގެނެސްދެއްވައި، ގައުމީ ޓީމުގެ ރޫހު އާލާކޮށް، ކުޅެވިދިޔަ ކޮންމެ މެޗަކުން ދިޔައީ، ގައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދެމުން ކަމަށެވެ.
"އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ، ކުރީގެ ގައުމީ ގައުމީ ޓީމުގެ ހުނަރުވެރި، އަދި ރާއްޖެއަށް އެތައް ފަޚުރަކާއި ކާމިޔާބީއެއް ހޯއްދަވައިދެއްވާފައިވާ ކުޅުންތެރިޔާ އަދި އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަހްމަދު ޠާރިޤަށް މި ކްލަބުގެ ފުރިހަމަ ތާއީދު އެބައޮތް،" އީގަލްސްގެ ޗެއާމަން ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބުގައި އެ އިދާރާގެ ރައީސްކަމަށް މިފަހަރު ވާދަކުރައްވަނީ، އަހްމަދު ޠާރިޤު (ކ) އާއި އެ އިދާރާގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލު -- ސަން ފައިލް ފޮޓޯ
އީގަލްސްގެ ޗެއާމަން ވިދާޅުވީ، ނޮވެމްބަރު 20ގައި ބާއްވާ އެފްއޭއެމްގެ އިންތިޚާބުގައި ޓޮމްގެ ޓީމަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި އެ ކްލަބާއި ކްލަބުގެ އެންމެހާ ސަޕޯޓަރުން ސާބިތުކަމާއެކު މަސައްކަތް ކޮށްދޭނޭ ކަމަށެވެ.
އީގަލްސްގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބުންވެސް ވަނީ އެ ކްލަބުތަކުން ޓޮމްއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ޓޮމް މިރޭ ވިދާޅުވީ، މިފަހަރުގެ އިންތިޚާބަށް އޭނާ ނުކުތީ، ރައީސް ޔާމީނާއި، ސަރުކާރުގެ އެއްބާރުލުމާއެކު، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ކްލަބުތަކުގެ ތާއީދާއި، ފުޓްބޯޅަ އާއިލާގެ ގިނަ އަދަދެއްގެ ބައެއްގެ ތާއީދާއެކު ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު އެފްއޭއެމްގެ އިންތިޚާބު ކާމިޔާބުކުރާނަން." ޓޮމް ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިޚާބެއް ބާއްވަން މަޖުބޫރުވީ، އެ އިދާރާގެ ރައީސްކަމަށް މިއަހަރުގެ މޭ މަހުގެ ތެރޭގައި އިންތިޚާބުކުރި، ޓޮމް އެ މަގާމަށް ހޮވުނުތާ ގާތްގަނޑަކަށް ފަސްމަސް ދުވަސް ވީތަނާ، އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އެކްސްކޯއިން އިސްތިއުފާދިނުމާ ގުޅިގެންނެވެ.