ޓެކްސީތައް އައު ކުރުމަށް ބޭންކުތަކުން ލޯނު ދޫކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް އެތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗެއާމަން ނާފިޒު ވިދާޅުވީ، މާލޭގައި މިހާރު ދުއްވާ ބައެއް ޓެކްސީތަކުގެ ފެންވަރު ދަށްވުމާއި ޓެކްސީތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަހަމަނުވާ ކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.

އެގޮތުން ބައެއް ޓެކްސީތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ހުރުމާއި ސީޓުތައް ހަލާކުވުން ނުވަތަ ޓެކްސީ ތެރެއިން ނުބައިވަސް ދުވުން ފަދަ މައްސަލަތަކުގެ ޝަކުވާތައް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެފަދަ ބާ ޓެކްސީތައް އާ ކުރަން އެންގުމުން ލިބޭ އާމްދަނީއަކުން އެކަން ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަމަށް ސަރުކާރުން ލުއި ގޮތެއް ހަމަޖައްސައިދޭން ބައެއް ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެދުނު ކަމަށް ނާފިޒް ވިދާޅުވި އެވެ.

"މައްސަލަތަކާ ގުޅޭ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނާ ވާހަކަ ދެއްކުމުން ބުނީ ލިބޭ އެއްޗަކުން ޓެކްސީތައް އާ ކުރުމަކީ މިހާރު ތިމަންނަމެންނަށް ފަސޭހަ ކަމެއް ނޫނޭ. ސަރުކާރުން ތިމަންނަމެންނަށް ލުއި ގޮތްތަކެއް ހޯދަދޭން ވީ ނޫންހޭ. ދެން އަޅުގަނޑުމެން ހުރިހާ ބޭންކުތަކާއި މަޝްވަރާކޮށްފައި ލޯނު ދޫކުރަން ހަމަޖެއްސީ" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯނު ހަމަޖެއްސި ނަމަވެސް، ރަހުނެއްގެ ގޮތުގައި ބަހައްޓާނެ އެއްޗެއް ނެތުމުގެ ޝަކުވާ ޓެކްސީ ޑްރައިވަރުން ހުށަހެޅި ކަމަށާއި އަދި އެކަން ހައްލު ކުރުމަށް ގަންނަ އުޅަނދު ރަހުނުކޮށްފައި ލޯނު ލިބޭނެ ގޮތް މިހާރު ބޭންކުތަކުން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އިން ވެސް އާ ޓެކްސީ ގަންނަން ލޯނު ލިބޭނެ ކަމަށާއި ދެ ބޭންކުން ވެސް ލޯނު ދޫކުރާނީ އިސްލާމިކް ފައިނޭންސްގެ ދަށުން ކަމަށް ނާފިޒު ވިދާޅުވި އެވެ.

ޓްރާންޕޯޓް އޮތޯރިޓީން ބުނި ގޮތުގައި، ރާއްޖެއަށް ޓެކްސީތައް އެތެރެކުރާ ކުންފުނިތަކާ މަޝްވަރާ ކުރުމަށްފަހު، ލޯނުގެ ގޮތުގައި ދޭނީ 150،000 އާއި 200،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ. އަދި ލޯނު ދައްކަން ޖެހޭނީ ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ބަހާލައިގެން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ނާފިޒު ވިދާޅުވީ، އާ ޓެކްސީތައް ހޯދުމަށް މިހާ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައި އޮތުމުން، މިހާރު ބާ ޓެކްސީ ދުއްވުމުގެ އެއްވެސް އުޒުރެއް އޮވެގެން ނުވާނެ ކަމަށެވެ.