24 Oct 2016, 20:18
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބަށް މިފަހަރު ކުރިމަތިލައްވަނީ، ރައީސް ޔާމީނާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ވިދާޅުވީ، ރައީސް ޔާމީނާއި ސަރުކާރުގެ އިތުރުން، ފުޓްބޯޅަ އާއިލާގެ ބޮޑު ތާއީދެއް އޭނާއަށް އެބަ އޮތްކަމަށެވެ.
"މިފަހަރުގެ އިންތިޚާބަށް އަޅުގަނޑު މި ނުކުތީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ކްލަބުތަކުގެ ތާއީދާއެކު، އަދި ފުޓްބޯޅަ އާއިލާގެ ގިނަ އަދަދެއްގެ ބައެއްގެ ތާއީދާއެކު،" ޓޮމް ވިދާޅުވިއެވެ.
"މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑު އެފްއޭއެމްގެ އިންތިޚާބު ކާމިޔާބުކުރާނަން."

އަހްމަދު ޠާރިޤު (ކ) ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާއެކު: ޠާރިޤު ވިދާޅުވަނީ މިފަހަރު އެފްއޭއެމްގެ އިންތިޚާބުގައި އޭނާ ވާދަކުރައްވަނީ، ފުޓްބޯޅަ އާއިލާގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށް -- ފޭސްބުކް ފޮޓޯ: ޓޮމް
އެފްއޭއެމްގެ އިންތިޚާބުގައި ސަރުކާރާއި ރައީސް ޔާމީނުގެ ފުރިހަމަ ތާއީދު އޭނާއަށް އޮތްކަމަށް ޓޮމް ވިދާޅުވާއިރު، އެ އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ އަނެއް ކެންޑިޑޭޓް، އެފްއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ، ބައްސާމް އަދީލު ޖަލީލުވެސް ވަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުންތަކަކާ އެކު އޭނާގެ ޓީމު އިއުލާނުކުރައްވައިފައެވެ.
އަންނަ މަހު 20 ވަނަދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ނެވެ.
ޓޮމް ވިދާޅުވީ، އޭނާއަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ވޯޓުގައި ބައިވެރިވާ މެޖޯރިޓީ ކްލަބުތަކުގެ ތާއީދު އޭނާއަށް ލިބިފައި އޮތުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް ގިނަ ކްލަބުތަކެއްގެ ތާއީދު. ގާތްގަނޑަކަށް 21 ކްލަބުގެ ފުރިހަމަ ތާއީދު އެބައޮތް. އެއީ މިވަގުތު އަޅުގަނޑަށް އެންމެ މުހިއްމު އެއްޗަކީ،" ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓޮމް ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރުތަކުގެ ތެރޭގައި ހިމެނޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްއިން މިހާރުވެސް ވަނީ އެ ކްލަބުތަކުން ޓޮމްއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.