ރާއްޖޭގެ ބައިނަލް އަގުވާމީ ޕްރައިވެޓް އެއާލައިން މެގަ މޯލްޑިވްސްއިން ސްރީލަންކާގެ ކޮލޮމްބޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އަންނަ ނޮވެމްބަރު މަހުގެ ތިނެއްގައި ފަށާނެކަން އިއުލާން ކޮށްފި އެވެ.

މެގަ މޯލްޑިވްސްއިން ކުރި އިއުލާނެއްގައި ބުނީ، ހަފްތާއަކު ތިން ދަތުރު މާލެއާ ކޮލޮމްބޯއާ ދެމެދު ކުރާނެ ކަމަށެވެ. އެއީ ދެ ގައުމުގެ ވެސް ހަފްތާ ބަންދާ ދިމާކޮށް ދެކޮޅަށް ދަތުރު ކުރެވޭ ގޮތަށެވެ.

އެ އެއާލައިނުގެ ފްލައިޓުތައް އޮންނާނީ ހަފްތާގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގަ އެވެ. މާލެއިން ފުރާ ގަޑިއަކީ މެންދުރުފަހު 1:10 އެވެ. އަދި ކޮލޮމްބޯގައި ޖައްސާ ގަޑިއަކީ މެންދުރު 2:50 އެވެ.

ކޮލޮމްބޯއިން މާލެއަށް ކުރާ ދަތުރުތަކަށް ބަލާއިރު، ކޮލޮމްބޯއިން ފްލައިޓު މާލެ އަންނަން ފުރާނީ މެންދުރުފަހު 3:50 ގައެވެ. އަދި ފްލައިޓު މާލެއަށް ޖައްސާނީ ހަވީރު 4:55 ގައެވެ.

މެގަ މޯލްޑިވްސްއިން ބުނާ ގޮތުގައި، ކޮލޮމްބޯ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ ރިޓާން ޓިކެޓުގެ އަގުތައް ފަށާނީ 165 ޑޮލަރުންނެވެ. އަދި އެއްކޮޅު ޓިކެޓު އުޅޭނީ 70 ޑޮލަރާއި 95 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

މެގަ މޯލްޑިވްސްއަކީ، ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރި މާކެޓު ކަމުގައިވާ ޗައިނާއާ ރާއްޖެއާ ދެމެދު އެންމެ ގިނަ ފަތުރުވެރިން އުފުލައިދޭ ކެރިއަރެވެ. އެެހެން ނަމަވެސް މިއަހަރު ޗައިނާގެ މާކެޓު ދަށްވުމުގެ ސަބަބުން އެ އެއާލައިނަށް ވަނީ މާލީ ދަތިތަކަކާ ކުރިމަތިލައިފައެވެ.

ސްރީލަންކާއަކީ، ދިވެހީން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ގައުމެވެ. އަދި ސްރީލަންކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެގައުމަށް ފަސްވަނައަށް އެންމެ ގިނައިން ޒިޔާރަތް ކުރަނީ ދިވެހީންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްރީލަންކާއަށް 63،000 އަށް ވުރެ ގިނަ ދިވެހީން ޒިޔާރަތް ކޮށްފައިވާ ކަމަށް އެގައުމުގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ސްރީލަންކާއަކީ ޗުއްޓީއަށާއި ސިއްހީ ފަރުވާގެ އިތުރުން ބާޒާރު ކުރުމަށް ދިވެހީން އެންމެ ގިނައިން ދަތުރުކުރާ ގައުމެވެ. އެ ގައުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އިރު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން މީގެ ކުރިން ބުނެފައިވާ ގޮތުން އެ ގައުމުގައި ގާތްގަނޑަކަށް 12،000 ވަރަކަށް ދިވެހީން ދިރިއުޅެމުން ގެންދެ އެވެ.

ކޮންމެ ދުވަހަކު ވެސް ސްރީލަންކާ އާއި މާލެއާ ދެމެދު އެކި އެއާލައިންތަކުން ދަތުރުތައް ބާއްވައެވެ. އޭގެ ތެރޭގައި އެމިރޭޓްސް، ސްރީލަންކަން އެއާލައިންސް އަދި އަންނަ ހަފްތާގައި އޮޕަރޭޝަންތައް ހުއްޓާލާ މިހިން ލަންކާ ހިމެނެއެވެ.

މީގެ އިތުރުން ޓާކިޝް އެއާލައިންސް، ކޮރެއަން އެއާ އަދި ޗައިނާ އީސްޓަން އެއާލައިންސްއާއި ފްލައި ދުބާއީ ފަދަ ފްލައިޓުތައް ވެސް ސްރީލަންކާ އާއި މާލެއާ ދެމެދު ދަތުރުކުތެ އެވެ.

މިއަހަރުގެ ޑިސެމްބަރު މަސް ފެށުމާ އެކު އައްޑޫ ސިޓީގެ ގަމާއި ކޮލޮމްބޯއާ ވެސް، ސްރީލަންކަން އެއާލައިން މެދުވެރިކޮށް ގުޅާލެވޭނެ އެވެ.