25 Oct 2016, 11:02
ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ފޮޓޯގުރަޕީ ޕާޓްނަރަކަށް ރާއްޖޭގެ މަޝްހޫރު ޑިގިޓަލް ސްޓޫޑިއޯ ހަމަޖައްސައިފި އެވެ.
ރާއްޖޭގެ މަޝްހޫރު ފޮޓޯގުރާފަރެއް ކަމަށްވާ މުހައްމަދު ޝާފީ ހިންގަމުން އަންނަ ޑިޖިޓަލް ސްޓޫޑިއޯ އަކީ 2007 ވަނަ އަހަރު އުފެދިގެން އައި، މިހާރު ރާއްޖޭގައި ނަގާ ކިޔާ އެއް ފޮޓޯގުރަފީ ކުންފުންޏެކެވެ.
ފޮޓޯގުރަފީގެ އިތުރުން ވީޑިއޯގްރަޕީ އަދި ކުދިންނަށް ފޮޓޯގުރަފީ ކިޔަވައިދެމުން އަންނަ ޑިޖިޓަލް ސްޓޫޑިއޯ އަކީ ރާއްޖޭގެ ފެޝަން އަދި ބްރައިޑް އިންޑަސްޓްރީގެ ވެސް މުހިއްމު ހިއްސާދާރެކެވެ. އެގޮތުން ރާއްޖޭގައި ބާއްވަމުން އަންނަ ބްރައިޑް ފެއާ އާއި ރާއްޖޭގައި ހަމައެކަނި ނެރެމުން އަންނަ ބްރައިޑަލް މެގަޒިން، "ބްރައިޑް މޯލްޑިވްސް"ގެ މައި ކުންފުންޏަކީ ވެސް ޑިޖިޓަލް ސްޓޫޑިއޯ އެވެ.
ސްރީ ލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސް އާ ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން އިންތިޒާމު ކުރާ މިއަހަރުގެ ސަޓާ އެވޯޑްސްގެ ގިނަ ޕާޓްނަރުންތަކެއް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެގޮތުން، ސަޓާ އެވޯޑްސްގެ ހޯސްޓް ޕާޓްނަރަކީ ލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާ އެވެ. އަދި ހޮސްޕިޓޭލިޓީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޗަމްޕާ ސެންޓަރަލް ހޮޓެލް އެވެ.
މީޑިއާ ޕާޓްނަރުންގެ ތެރޭގައި އިވެންޓުގެ ޕާޓްނަރަކަށް ލަންކާގެ މަޝްހޫރު އިނގިރޭސި ރޭޑިއޯ ޗެނަލެއް ކަމަށްވާ ރެޑް އެފްއެމް ހަމަޖައްސާފައިވާ އިރު، ޕްރިންޓް މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ ސިލޯން ޓުޑޭ އެވެ. އަދި ޓީވީ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ލަންކާގެ އަމިއްލަ ޓީވީ ކުންފުންޏެއް ކަމަށްވާ އާޓް އެވެ.
މީގެ އިތުރުން، އިވެންޓްސްގެ އޮންލައިން ނިއުސް މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.
ޓޫރިޒަމް އަދި ކޯޕަރޭޓް މީޑިއާސްގެ ގޮތުގައި އޭޝިއަން ޓްރެވަލާސް، އޭޝިއަން ޑައިވާ، އޭޝިއަން ޖިއޮގުރަފިކްގެ އިތުރުން ފުލޯޓިން އޭޝިއާ، މޯލްޑިވްސް.ނެތް.މެވީ އަދި ކޯޕަރޭޓް މޯލްޑިވްސް ހިމެނެ އެވެ.
މިއަހަރުގެ ސަޓާ އެވޯޑްސްގައި 10 ސެގްމަންޓަކުން، 39 ކެޓަގަރީ އަކުން އެވޯޑް ދޭން ހަމަޖެހިފައިވާ އިރު، އެވޯޑްސްގެ ގާލާ އަދ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 15 އަދި 16 ގައި އެވެ. އަދި މިހާރު ކުރިއަށްދަނީ ސަޓާ އެވޯޑްސްއަށް ނޮމިނޭޓްވި ފަރާތްތަކަށް ސަޓާގެ ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމުން ދަނީ ފަނޑިޔާރުކަން ކުރަމުންނެވެ.