ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު، ހުސްނުއްސުއޫދު މާދަމާ ހައި ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ސުއޫދު "ސަން" ވިދާޅުވީ، މާދަމާ ހެނދުނު 10:00 އަށް ހައި ކޯޓަށް ހާޒިރުވާން އެ ކޯޓުން ޗިޓު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ހައި ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

ސުއޫދު ވަނީ، ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލާގައި، މައުމޫނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކުރި ހުކުމަށް މީޑިއާގައި ފާޑުވިދާޅުވެފަ އެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ތާއިދު ކުރުމުން ސުއޫދު ވިދާޅުވެފައި ވަނީ އެއީ ދެކޮޅު ނުޖެހޭ ހުކުމެއް ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ޕީޕީއެމް ހަވާލު ކުރުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅުއްވި ފަރާތުންނެވެ. އަދި އެގޮތަށް މައްސަލަ އިސްތިއުނާފު ކުރީ ރައީސް މައުމޫނަށް އިސްތިއުނާފު ކުރުމުގެ ހައްގު ގެއްލުވާލުމަށް ކަމަށް ސުއޫދު ވިދާޅުވެފައިވެ އެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި މައުމޫންގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ ކުރިން، އެ މައްސަލަ ހައި ކޯޓުން ނިންމައި "ތައްގަނޑު" ޖެހުމަށް ވަނީ ރާވާފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި އެއީ ހައި ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކަމަށާއި އެކަން ކޯޓުން ހުއްޓުވަންޖެހޭނެ ކަމަށެވެ. އަދި ހައި ކޯޓުން އެ މައްސަލަ ބޭރުކޮށްލަންޖެހޭނެ ކަމަށާއި ރައީސް މައުމޫން ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ސުއޫދު އެ ވާހަކަތައް ވިދާޅުވާން ފެށުމުން ހައި ކޯޓުން ވަނީ ސުއޫދުގެ ވާހަކަތައް ހުއްޓުވާފަ އެވެ.

"ކޯޓުން މިފަދަ ކަމަކަށް ޖާގަ ދެއްވައިގެން ނުވާނެ. ކޮންމެ ވެސް އިރަކު އަޅުގަނޑުމެން އެބަޖެހޭ ކޯޓުތަކަށް ހުރުމަތް ހޯދައިދޭން. އެ ދުވަހެއް އަންނައިރު އަޅުގަނޑުމެންނަށް ކިހިނެއްތޯ މިފަދަ ގޮތްގޮތަށް ކޯޓުގެ ޕްރޮސެސް އެބިއުސް ކުރަން ޖާގަ ދެވޭ ކަމަށް ވަންޏާ އިތުބާރު ހޯދައިދޭނީ،" ސުއޫދުގެ އަމިއްލަ ލޯފާމުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ވިދާޅުވެފައިވެ އެވެ.