ތަހުގީގު ހުނަރު ދަސްކޮށް ދިނުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް 15 ފުލުހަކު ތުރުކީއަށް ފުރައިފި އެވެ.

އެ ތަމްރީން ޕްރޮގްރާމަކީ ދިވެހި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ތުރުކީ ނޭޝަނަލް ޕޮލިސް އެކެޑެމީ އާއި ދިވެހި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ތުރުކީގެ ނޭޝަނަލް ޕޮލިސް އެކެޑެމީގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

"އިންވެސްޓިގޭޝަން ޕްރޮސެސް”ގެ ނަމުގައި ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމުގައި ފުލުހުން ހިންގާ ތަހުގީގުތައް ޕްރޮފެޝަނަލްކަމާއި ހަލުވިކަމާއެކު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބޭނުންވާ އިލްމާއި ހުނަރު އުނގަންނައިދޭނެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ތަމްރީން ޕްރޮގްރާމުގައި ފުލުހުންގެ މެރިން އިންވެސްޓިގޭޝަނާއި ރޯޑް އެކްސިޑެންޓް އިންވެސްޓިގޭޝަން އަދި ކްރިމިނަލް އިންވެސްޓިގޭޝަންގެ ދާއިރާގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެ އެވެ.

ދިވެހި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ތުރުކީ ނޭޝަނަލް ޕޮލިސް އެކެޑެމީއާއި ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކު ވެސް އެކި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތަކެއް ދިވެހި ފުލުހުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.