އެސްޓީއޯގެ ފިހާރަތަކުން ވިއްކާ ބައެއް ސާމާނު، ވަރަށް ހެޔޮ އަގުގައި ވިއްކުމަށްޓަކައި ބާއްވަމުން އަންނަ ވެއާހައުސް ސޭލް މިއަހަރުވެސް ބާއްވާ ގޮތަށް ނިންމައިފި އެވެ.

އެސްޓީއޯއިން ބުނީ، ވެއާހައުސް ސޭލް އޮންނާނީ ނޮވެމްބަރު ހަ ވަނަ ދުވަހުން 10 ވަނަ ދުވަހަށް، އަމީނީ މަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓު ގުދަނުގަ އެވެ. އެސްޓީއޯއިން ބުނީ އެ ސޭލް ކުރިޔަށް ދާނީ އެ ފަސް ދުވަހު، ރޭގަނޑު 8:00 އިން 10:00 އަށް ކަމަށެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ފިލިޕްސް، ހިޓާޗީ، މަކީޓާ، ނިޕޯން އަދި ސެމްސަންގް ފަދަ ބްރޭންޑުތަކުގެ ސާމާނުގެ އިތުރުން، އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ވަރަށް ހެޔޮ އަގުގައި ލިބެން ހުންނަން ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެގޮތުން، ސެމްސަންގް ޓީވީ އާއި، ފިލިޕްސް ބްރޭންޑުގެ ބަދިގެ ސާމާނު ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ސޭލުގައި، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި ކޮންމެ ގަޑިއިރަކު ނަސީބުވެރިއަކު ގުރުއަތުން ހޮވާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މިދިޔަ ދެ އަހަރު ވެސް އެސްޓީއޯއިން ވެއާހައުސް ސޭލް ބާއްވާފައިވާ އިރު، މިދިޔަ ދެ އަހަރު ވެސް އެ ސޭލަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުނެއެވެ.