ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު ޑީއެންއާރަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމުގެ ގޮތުން ޑީއެންއާރާއި އެލްޖީއޭއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ މައުލޫމާތުތައް ފަސޭހައިން ލިބޭނެ ސޮފްޓުވެއާއެއް އެންސީއައިޓީއާ އެލްޖީއޭ ގުޅިގެން ވަނީ ތައާރަފު ކޮށްފަ އެވެ.

އެލްޖީއޭގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި ޑީއެންއާރުގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ފަރީދާ ޔޫސުފެވެ. އެލްޖީއޭގެ ފަރާތުން ސޮއި ކުރެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ފަރީދާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ޑީއެންއާރުގެ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަށްތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މައުލޫމާތު ހޯދަން އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

"މިހާރު މައުލޫމާތުތައް ހޯދުން ވަނީ ވަރަށް ފިޒިކަލް ގޮތެއްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްގެން މައުލޫމާތު ހޯދަން ވެސް މި ޖެހެނީ. އެ ދުވަހުން ދުވަހަށް ނުވަތަ ވަގުތުން ވަގުތަށް ހިއްސާކުރެވޭނެ ގޮތެއް އަދި މިހާތަނަކަށް ނެތް،" ފަރީދާ ވިދާޅުވި އެވެ.

ފަރީދާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މައުލޫމާތާއި އެ ރައްޔިތުން ދިރިއުޅޭ ގެތަކަށް އަންނަ ބަދަލުތައް މިހާރު ހިއްސާކުރަމުން ދަނީ ފެކްސްގެ ޒަރިއްޔާއިން ކަމަށެވެ. ނަމަވެސް މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެކަން ފަސޭހަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީނު އަހުމަދު ވިދާޅުވީ މިއަދު ސޮއި ކުރި އީ ކައުންސިލް އެއްބަސްވުމުގެ ދަށުން، ވަގުތުން ވަގުތަށް މައުލޫމާތުތައް ކައުންސިލުތަކަށާއި ޑީއެންއާރަށް ހިއްސާ ކުރެވިގެން ދާނެ ކަމަށެވެ.

"އެއާ އެކުއެކީގައި ރާއްޖޭގެ ސައްހަ އާބާދީ ކަނޑައަޅާކަށް އިތުރު ވަގުތެއް ދެން ނަގާކަށް ނުޖެހޭނެ. ވަގުތުން މި ނިޒާމުގެ ތެރެއިން ސަރުކާރުގެ އެކި މުއައްސަސާތަކަށާއި އެލްޖީއޭއަށް ވެސް އަދި އިލެކްޝަނަށް ވެސް ބޭނުންވާ މައުލޫމާތުތައް އަދި ނިންމުންތައް ނިންމުމުގައި އާބާދީގެ ރަޖިސްޓްރީއަށް ބަލާފައި ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނިމިފައި އޮންނާނީ،" އަޒްލީން ވިދާޅުވި އެވެ.