ސޯލް (އޮކްޓޯބަރ 24) : އުތުރުކޮރެޔާ ފުރިހަމަ ނިއުކްލިޔަރ ބާރަކަށް ވަމުންދާކަމަށާ އެއީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ.

ދެކުނު ކޮރެޔާގެ ޕާލަމެންޓްގައި ތަގްރީރު ކުރައްވަމުން އެގައުމުގެ ރައީސާ ޕާކް ގެއުން ހައި ވިދާޅުވީ އުތުރުކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކުރުމުގެ މަރްހަލާ މިހާރު ކަޑައްތުކޮށްފައިވާ ކަމަށާ މިމަރްޙަލާއަށްފަހު މިހާރު އުތުރުކޮރެޔާ ދަނީ ފުރިހަމަ ނިއުކްލިޔަރ ބާރަކަށްވަމުންނެވެ. މިއީ ދެކުނު ކޮރެޔާއަށާއި އަވަށްޓެރި އެހެންގައުމުތަކަށްވެސް އޮތް ބިރެއްކަމަށް ރައީސާ ޕާކް ގެއުން ހައި ސިފަކުރެއްވިއެވެ. އުތުރުކޮރެޔާ އަކީ ދެކުނުކޮރެޔާ އާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ހަތުރުވެރި ގައުމަކަށް ވާއިރު އެގައުމު ނިއުކްލިޔަރ ބާރަކަށްވެގެންދިޔުމަކީ ބޮޑު މައްސަލައެއްކަން ޕާކް ގެއުން ހައި ފާހަގަ ކުރެއްވިއެވެ.

އުތުރުކޮރެޔާއާއި ދެކުނު ކޮރެޔާއަކީ ކުރިން އެއްގައުމެކެވެ. އެގައުމު ދެބައިވީ ދެވަނަ ބޮޑުހަނގުރާމައަށްފަހުއެވެ. އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދެމެދުގައި އުފެދުނު ފިނިހަނގުރާމައާއެކުގައެވެ. މިހާރުވެސް އުތުރުކޮރެޔާއާއި ދެކުނު ކޮރެޔާއަކީ އެއްނަސްލެއްގެ އެއްބަހަކުން ވާހަކަދައްކާ އެއްތާރީޚަކާއި އެއްސަގާފަތެއްގެ ރައްޔިތެކެވެ. ނަމަވެސް ދެގައުމުގެ ލީޑަރޝިޕަކީ ސިޔާސީ ފިކުރާއި ވިސްނުމުގައި ވަރަށް ތަފާތު ދެ ލީޑަރޝިޕެކެވެ.

ދެކުނު ކޮރެޔާއަކީ މަދަނީ ސިނާއަތުގައި ވަރަށްބޮޑަށް ކުރިއަރާފައިވާ ގައުމެކެވެ. އުތުރުކޮރެޔާއަކީ ހަރުކަށި އާއިލީ ވިރާޘީ ވެރިކަމެއް ކުރާ ގައުމަކަށްވެފައި އެގައުމަކީ ފަރުދީ މިނިވަންކަން ރައްޔިތުންނަށް ލިބިދީފައިނެތް ގައުމެއް ކަމުން އުތުރުކޮރެޔާވަނީ މަދަނީ ސިނާއަތާއި އިންސާނީ ތަރައްގީގައި ދެކުނުކޮރެޔާއާ އަޅާބަލާއިރު ވަރަށް ދަށުފެންވަރެއްގައެވެ. ނަމަވެސް ކޮރެޔާގެ ރައްޔިތުންގެ ކިބާގައި ހުންނަ މަސައްކަތްތެރިކަމާއި ހީވާގިކަން އުތުރުކޮރެޔާގެ ރައްޔިތުންގެ ކިބާގައިވެސް ހުރެއެވެ. އުތުރުކޮރެޔާގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައިވާގޮތުން އެގައުމު މައިގަނޑު ގޮތެއްގައި ކުރިޔަށްދަނީ އާދައިގެ ހަތިޔާރު އުފެއްދުމާއި ނިއުކްލިޔަރ ހަތިޔާރާ އަދި ފަޒާއާބެހޭ ދާއިރާ ތަކުގައެވެ.

އުތުރުކޮރެޔާގެ ރައީސް ކިމްޖޮންގް އުން

ދެކުނުކޮރެޔާގެ ޕާލަމެންޓްގައި ތަގްރީރު ކުރައްވަމުން ރައީސާ ވިދާޅުވީ އުތުރުކޮރެޔާގެ ރައްޔިތުންނަކީ ދެކުނުކޮރެޔާގެ ރައްޔިތުންގެ އަޚުންކަމަށާ އުތުރު ކޮރެޔާގެ ވެރިކަމުގެ ނިޒާމު އިނދަޖައްސާލެވިއްޖެނަމަ ނިއުކްލިޔަރ ހަތިޔާރު ދޫކޮށް ސުލްޙަވެރި ގައުމަކަށްވާން އެގައުމުގެ ލީޑަރޝިޕަށް މަޖްބޫރުވާނެ ކަމުގައެވެ. ނަމަވެސް މިކަން ކުރެވޭނީ ވަރަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އެގައުމާ ދެކޮޅަށް އަޅައިގެންކަމަށާ މިއީ މުޅި ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލުން ނުލިބި ކުރެވޭނެ ކަމެއްނޫންކަމަށް އެކަމަނާ ވިދާޅުވިއެވެ.

އުތުރުކޮރެޔާއިންވަނީ ފަސްފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައެވެ. އަދި މިހާރު އެގައުމުވަނީ މިސައިލްގެ ބޮލުގައި ހަރުކުރެވޭފަދަ ކުދިކުދި ނިއުކްލިޔަރ ހަތިޔާރު އުފެއްދައި ބެލްސްޓިކް މިސައިލްގައި އެބާވަތުގެ ނިއުކްލިޔަރ ހަތިޔާރު ހަރުކުރުމުގައިވެސް ކާމިޔާބު ހޯދާފައެވެ. މިސައިލް ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ އުތުރުކޮރެޔާއަކީ ފަސްހާސް ކިލޯމީޓަރުގެ ރާސްތާގެ ބެލަސްޓިކް މިސައިލް އުފެއްދުމުގެ ގާބިލްކަންވެސް ލިބިގެންވާ ނިއުކްލިޔަރ ބާރެކެވެ. އުތުރު ކޮރެޔާއިން އުފައްދާ މިބާވަތުގެ ދުރުރާސްތާގެ މިސައިލް އެމެރިކާގެ ބައްރަށްވެސް ފޯރާކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރުކޮރެޔާގެ މިސައިލްތަކަށް ހުރަސްއެޅުމަށްޓަކައި އެމެރިކާ ގެންދަނީ ދެކުނު ކޮރެޔާގައި މިސައިލް އައޑަނައިގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އުތުރުކޮރެޔާގެ ހަމަލާއަކުން ދެކުނު ކޮރެޔާ ހިމާޔަތް ކުރުމުގެ ނަމުގައި އެމެރިކާގެ 40 ހާސް ސިފައިންގެ ލަޝްކަރެއް ނިއުކްލިޔަރ ހަތިޔާރާއެކު އުތުރުކޮރެޔާގައި ރުކުރުވާލާފައިވެއެވެ. ނަމަވެސް ދެކުނު ކޮރެޔާގައި އެމެރިކާ ބިނާކުރާ މިސައިލް އައޑަނައިގެ ނިޒާމު ހަލާކުކޮށްލަން ޖެހިއްޖެނަމަ އެކަން ކުރުމުގެ ގާބިލްކަން ލިބިގެންވާކަމަށް އުތުރުކޮރެޔާ ބުނެއެވެ. (ނޫސްއެޖެންސީތައް)