ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ބުރުނާއީގެ ޔުނިވާސިޓީ އިސްލާމް ސުލްޠާން ޝަރީފް އޮނަނަރީ ޕްރެސިޑެންޓް، ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން އާ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

ބުރުނާއީ ދާރުއްސަލާމްގެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ތައުލީމީ ފުރުސަތުތައް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ހާއްސަ ގޮތެއްގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާގެ އިތުރުން ޝަރިއްޔާ އެންޑް ލޯގެ ދާއިރާއިން ސްކޮލާޝިޕްގެ ދެއްވުމަށް އެދިލައްވާފައިވެ އެވެ. އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކޯލާޝިޕްގެ ފުރުސަތު ދެއްވުމަށްވެސް ޝަހީމް ވަނީ އެދިލައްވާފައެވެ.

ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރާ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް ޔުނިވާސިޓީ

އެ ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ބުރުނާއިގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރުދަންނަވާފައެވެ. އަދި ހާއްސަކޮށް ބުރުނާއިގެ ފަރާތުން ރާއްޖެއަށް ދެއްވާ މަތީ ތަޢުލީމު ހާސިލްކުރުމުގެ ސްކޯލާޝިޕްތަކަށް ޝުކުރުދަންނަވާފައިވެއެވެ. އޭގެ އިތުރުން ޝަހީމްގެ ވާހަކަފުޅުގައި ބުރުނާއީން ތަޢުލީމު ހާސިލްކުރި ދިވެހި ދަރިވަރުން ރާއްޖޭގެ މަތީ މަގާމުތައް ފުރުއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން ވިދާޅުވީ، ޔުނިވާސިޓީ އިސްލާމް ސުލްޠާން ޝަރީފް އަލީއިން ކިޔެވުމުގެ އިތުރު ފުރުސަތުތަކެއް ދިވެހީންނަށް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ޑރ. މުހައްމަދު ޝަހީމް ދައުވަތު ދެއްވާފައިވާއިރު ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު ވަނީ ރާއްޖެ ވަޑައިގެންނެވޭނެ ދުވަހަކަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުކުރެއްވުމުގައި އިސްލާމް ސުލްޠާން ޝަރީފް ޔުނިވާސިޓީގެ ރެކްޓާ ޑރ. ހާޖީ އަރްފާން ބިން ހާޖީ ޒައިނަލްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.