24 Oct 2016, 14:57
ޕީޕީއެމް އަކީ އުފެދުނީއްސުރެ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާރިފް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވެސް މި ސަރުކާރުގެ މިނިސްޓަރުކަން ކުރައްވާފައިވާ ކަމަށެވެ.
ޕްރައިމަރީގައި ކިތަންމެ ޚިޔާލުތަފާތުވިޔަސް އިންތިޚާބު ނިމުމާ އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ދެ ބޭފުޅުން އެއްބައިވަންތަކަކާ އެކު ސަރުކާރުގައި މަސައްކަތް ކުރެއްވިކަން އާރިފް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އެހެން ޕާޓީތަކާއި ޕީޕީއެމް ތަފާތު ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށްލާނެ ކަމަށް އިއުލާން ކުރިޔަސް އެމްޑީޕީން އެ މީހަކު ބޭރުކޮށްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ރީކޯ މޫސަ. އޭނަގެ ނިޔަތެއް ހަމައެކަނި ހާމަކޮށްލީ އެމީހުންގެ ޕަބްލިކް ރެލީއެއްގައި، ތިމަން މަނިކުފާނު ގަސްތު ކުރައްވަމޭ ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން. އެހިސާބުން އެއްފަރާތްކޮށްލީ،" އާރިފް ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލާއި ދެވަނަ ރައީސް ޑރ. މުހައްމަދު މުނައްވަރު އަދި އެޕާޓީގެ ރައީސްކަން ކުރެއްވި ޑރ. އިބްރާހީމް ދީދީ ޕާޓީން އެކަހެރިކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވައިލާނެ ކަމަށެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފޯމް ދަރުބާރުގޭގެ ހަކުރާ މާލަމުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޕްރެސްކޮންފަރެންސުގައި ހަލީލު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ގޮނޑިތަކަށް ވާދަ ކުރާނީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ކަމަށެވެ. އަދި އެމްޑީއޭ އިން ވާދަ ކުރާ ގޮނޑިއަކަށް ޕީޕީއެމް އިން ވާދަ ނުކުރާނެ ކަމަށާއި އަދި ޕީޕީއެމް އިން ވާދަ ކުރާ ގޮނޑިއަކަށް އެމްޑީއޭ އިން ވެސް ވާދަ ނުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ފުރަންޖެހޭ ފޯމުތައް ފުރިހަމަކުރެއްވުމަށް ފަހު ވީހާ ވެސް އަވަހަކަށް ފޯމް ހުށަހެޅުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.