އިނގިރޭސި ވިލާތުގެ ދަރަނި 13 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

އެ ގައުމުގެ އެންމެ ބޮޑު ނޫސް ކަމަށްވާ ބީބީސީ އިން އެ ގައުމުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް (އޯއެންއެސް)އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދަދަކީ ދަރަނި އަރާނެ ކަމަށް ލަފާ ކުރި މިންވަރަށް ވުރެ މަތީ އަދަދެކެވެ.

މިއަހަރު ސެޕްޓެމްބަރު މަހުގެ ދަރަނި 13 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު މިއީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ ގައުމުގެ ދަރަނި ހުރި މިންވަރާ އަޅާ ބަލާއިރު 1.6 ބިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ.

މި އަހަރުގެ ނިޔަލަށް މަހުން މަހަށް ބަލާ އިރު މި އަދަދު 10.4 ބިލިއަން ޑޮލަރަށް ތިރިވާނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އޯއެންއެސްއިން ބުނެފައި ވަނީ ސެޕްޓެމްބަރު މަސް ތެރޭގައި އެ ގައުމުގެ ޕަބްލިކް ސެކްޓާގެ ދަރަނި 48 ބިލިއަނަށް އިތުރުވެ، 1.6 ޓްރިލިއަނަށް އަރާފައިވާ ކަމަށެވެ. މިއަދަދަކީ އެގައުމުގެ ޖީޑީޕީގެ 83.3 ޕަސެންޓް ކަމަށް ވެސް އޯއެންއެސްއިން ބުނެފައިވެ އެވެ.