ރާއްޖޭގައި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް، އާންމުކޮށް ހިއްސާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ކަމުގައިވާ ސެންޗޫރިއަން ޕލކގެ ހިއްސާ ގަތުމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށް އެކުންފުނިން ބުނެފި އެވެ.

ސެންޗޫރިއަން ޕލކއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ހިއްސާ ވިއްކަނީ ހިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާއެވެ. އެއީ ކުންފުނީގެ 49 ޕަސަންޓު ހިއްސާއެވެ. ހިއްސާ ގަންނަ ފަރާތަކުން މަދުވެގެން ހަތަރު ހިއްސާ ގަންނަން ޖެހެ އެވެ. އެއީ 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.

ސެންޗޫރިއަނުން އެކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ޑިސެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޝެއާ ވިއްކާނެ އެވެ.

ސެންޗޫރިއަން ޕލކގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން (ކެޕްޓަން މާނު) "ސަން"އަށް ވިދާޅުވީ، ބުރާސްފަތި ދުވަހު އެކުންފުނީގެ އިނީޝަލް ޕަބްލިކް އޮފަރިންގް ފެށި އިރު، އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

"ވަރަށް ތަރުހީބު ލިބޭ. ގިނަ ބަޔަކު ޝައުގުވެރިވޭ އަޅުގަނޑުމެންގެ ހިއްސާ ގަތުމަށް،"

ކެޕްޓަން މާނު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުގައި، ސެންޗޫރިއަންގެ ހިއްސާ ގަތުމަށް ލިބެން ހުރި ނަމަވެސް، އަތޮޅު ތެރޭގައި ތިބި ރައްޔިތުންނާ ހަމައަށް ވާސިލުވުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

"ގިނަ ބަޔަކާ ހަމައަށް އަޅުގަނޑުމެން ފޯރުމަށް ދަތި. ވަރަށް މަސައްކަޗް އެބަ ކުރަން އަތޮޅުތެރެއަށް ރީޗު ކުރަން. ރަށްރަށުގައި ހިއްސާ ވިއްކާނެ ފޯކަލް ޕޮއިންޓުތައް ގާއިމު ކުރެވިފައި ހުރި ނަމަވެސް އެ ޕޮއިންޓުތަކަށް ފޯމުތައް ފަދަ ތަކެތި ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައި ވަނީ،"

އެހެން ނަމަވެސް، ސެންޗޫރިއަނުން މި ހުރަސް ފަހަނަ އަޅައި ގޮސް، އަތޮޅު ތެރޭގައި ހިއްސާ ވިއްކުމަށް ޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން، މި ހަފްތާއިން ފެށިގެން ސެންޗޫރިއަންގެ މުވައްޒަފުންނާއި އިސްވެރިން އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް، ރޯޑުޝޯތައް ފަދަ ޕްރޮމޯޝަނަލް އިވެންޓުތަކާ އެކު އެކުންފުނީގެ ހިއްސާ ވިއްކުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމައިފަ އެވެ.

ސެންޗޫރިއަންގެ ޗެއާމަން، ކެޕްޓަން މާނު "ސަން" އަށް ވިދާޅުވީ މި ހަފްތާ ބަންދުގައި ސެންޗޫރިއަންގެ ޓީމު ހދ. ކުޅުދުއްފުށްޓަށް ޒިޔާރަތްކޮށް، އެކުންފުނީގެ އައިޕީއޯގެ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާނެ ކަމަށެވެ. އަދި ކުޅުދުއްފުށިން ފެށިގެން، ރާއްޖޭގެ ދެކުނާ ހަމައަށް އެކި ރަށްރަށަށް ޒިޔާރަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެޕްޓަން މާނު މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސެންޗޫރިއަންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ގެއެއްގައި ވެސް ސެންޗޫރިއަންގެ ހިއްސާދާރެއް ހުރުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ މީގެ 50 އަހަރު ފަހުން ވެސް ރާއްޖޭގެ ލީޑިންގް ޝިޕިންގް ލޮޖިސްޓިކްސް ކުންފުނީގެ ގޮތުގައި އޮވެ، ރާއްޖެ ސަރަހައްދުގައި ރިކޮގްނައިޒަބަލް ފުޓްޕްރިންޓެއް އޮންނާނެ ވަރުގެ ކުންފުންޏަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

ސެންޗޫރިއަން ޕލކއިން ހިއްސާ ވިއްކައިގެން ހޯދާ 168 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުންފުންޏަށް ހަރު މުދާ ނުވަތަ ކެޕިޓަލް އެސެޓްސް ހޯދުމަށެވެ.

ސެންޗޫރިއަންގެ ހިއްސާ ގަތުމަށް އެޕްލިކޭޝަން ފޯމާއި، ހިއްސާ ގަތުމުން ކަންކަން މާލޭގެ އަށް ތަނަކާއި، ވިލިމާލޭ ޕޯސްޓް އޮފީހާއި ހުޅުމާލޭގެ ދެ ތަނަކުން ހަމަޖެހިފައި ހުންނާނެއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އީބޭންކިންގް ޕޯޓަލް މެދުވެރިކޮށް ވެސް ސެންޗޫރިއަންގެ ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ.