24 Oct 2016, 14:09
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބާއްވާ ޖަލްސާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ޖަލްސާ އޮންނަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 20:30ގައި ދަރުބާރުގޭގަ އެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމަށް ހަމަޖައްސާފައިވެއެވެ.
މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް، ހާއްސަ އިނާމާބެހޭ ކޮމިޓީން ކުރިއަށް ގެންދާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.