މ. އަތޮޅު މުލީގައި ހުރި ޕޯސްޓް އޮޮފީސް ބަންދުކޮށް، އެ ޕޯސްޓް އޮފީހުގެ ސާމާނު މުލަކަށް ބަދަލު ކުރުމަށް މުލަކު ޕޯސްޓް އޮފީހުގެ މުވައްޒަފުން ދިޔުމުން ފުލުހުންނާއި މުލީ މީހުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި ބައެއް ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ޕޯސްޓް އޮފީހުގެ ފަރާތުން މުލީގައި ހުރި ޕޯސްޓް އޮފީސް ބަންދު ކުރުމަށް ނިންމައި އެ އޮފީހުގައި ހުރި ސާމާނު މުލަކަށް ގެންދަން އުޅުމުން މުލީ ބަޔަކު އެކަމަށް އިއުތިރާޒުކުރުމުގެ ތެރޭގައި އެތަނަށް ދިޔަ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގީ ކަމަށެވެ. އަދި އެ ކުރިމަތި ލުމުގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ފުލުހުކަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ފަރާތުގެ ހަމަނުޖެހުމަށް ފަހު އެ ރަށު ބަޔަކު މިރޭ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ކަމަށް އެ ރަށުގެ މަސްދަރުތަކުން ބުނެ އެވެ.