24 Oct 2016, 14:03
ކަލައި(އޮކްޓޯބަރު 24): ފްރާންސުގެ ކަލައި ކައިރީ އޮންނަ ހިޖުރަވެރީންގެ "ޖަންގަލް" ކޭމްޕް ނައްތާލުމަށްޓަކައި އެތާ ތިބި މީހުން ފްރާންސުގެ އެހެނިހެން ރެފިއުޖީ ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތް އެގައުމުގެ ފުލުހުން ފަށައިފި އެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެކޭމްޕުގައި ވަރަށް ދަތި ހާލުގައި 7000 ވަރަކަށް މީހުން ދިރިއުޅެ އެވެ. އެމީހުން އެހެން ރެފިއުޖީ ސެންޓަރުތަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި 1،200 އަށް ވުރެ ގިނަ ފުލުހުންނާއި އޮފިޝަލުން ހަރަކާތްތެރިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އެމަސައްކަތް ފެށުމުގެ ކުރިން އެއާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތަކުން ވަނީ ކޭމްޕުގައި 10،000 ލީފްލެޓް ބަހާފައެވެ.
ކަލައި ކޭމްޕަށްދާ ބައެއް ރެފިއުޖީންނަކީ އިނގިރޭސިވިލާތަށް ހިޖުރަ ކުރުމަށްޓަކައި އެތަަނަށް ދާ މީހުންނެވެ. އެފަރާތްތަކުން ފްރާންސުގެ އެހެން ކޭމްޕުތަކަށް ދާން ދެކޮޅު ހަދައި، ހަމަނުޖެހުން ހިންގައިފި ނަމަ ފުލުހުންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.
ކަލައި ކޭމްޕުގައި ދިރިއުޅޭ ރެފިއުޖީން އެތާ ކައިރީ އޮންނަ މައި މަގުން އިނގިރޭސިވިލާތަށްދާ އުޅަނދުތަކަށް އަރައިގެން، ގަވާއިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާ މައްސަލަ ހުއްޓުވުމަށްޓަކައި ފްރާންސުން ދަނީ އިނގިރޭސިވިލާތުގެ ހަރަދުގައި އެމަގު ކައިރީގައި ބޮޑު ފާރެއް ރާނަމުންނެވެ. (ބީބީސީ)