އަންނަ ނޮވެމްބަރު މަހުގެ 20ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރައްވާ، އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިޤު (ޓޮމް)އަށް ތާއީދުކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިންމައިފިއެވެ.

ނިމިދިޔަ ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަން މާޒިޔާއިން ޓޮމްއަށް ތާއީދުކުރާނޭކަން އިއުލާނުކޮށްފައި މިވަނީ، ދިވެހި ފުޓްބޯޅައިގައި އެންމެ ދުވަސްވީ ބޮޑު އެއް ކްލަބު ކަމަށްވާ ވެސް ޓޮމްއަށް ތާއީދުކުރާ ކަމަށް ބުނެފައި ވަނިކޮށެވެ.

މާޒިޔާއިން ބުނީ، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ހުނަރުވެރި ފޯވާޑް، ޓޮމްއަށް އެ ކްލަބުގެ ފުރިހަމަ ތާއީދު އޮތްކަމަށެވެ.

"މިކްލަބުން ގަބޫލުކުރާ ގޮތުގައި، ދިވެހި ފުޓްބޯޅަ ކުރިއަށް ގެންގޮސް، އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި މިވަގުތު ކުރިއަށް ގެންދެވޭނީ ޠާރިގަށް. އަދި ޠާރިގަށް މި ކްލަބުގެ ފުރިހަމަ އިތުބާރު ލިބިފައިވާކަންވެސް ފާހަގަކުރަން،" މާޒިޔާއިން ނެރުނު ނޫސްބަޔާނެއްގައި ވެއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޝީލްޑް މާޒިޔާއިން ފުރަތަމަ ފަހަރަށް އުފުލައިލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާއި އަދިވެސް ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރީންތަކެއް ތަމްސީލުކުރާ މާޒިޔާއިން ބުނީ، އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ގެނައުމަށް އެ ކްލަބަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ.

މާޒިޔާއިން އިތުރަށް ބުނީ، އެފްއޭއެމްގެ އިންތިޚާބުގައި، ޓޮމްއާ ވާދަކުރައްވަން ނިންމަވާފައިވާ، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަކީ، ދިވެހި ފުޓްބޯޅައަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ވީ ނަމަވެސް، ބައްސާމްގެ ފުޓްބޯޅައިގެ ނިޔަތާމެދު މިވަގުތު އެ ކްލަބަށް ސުވާލު އުފެދޭ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބެއް ބާއްވަން މަޖުބޫރުވީ، އެ އިދާރާގެ ރައީސްކަމަށް މިއަހަރުގެ މޭ މަހުގެ ތެރޭގައި އިންތިޚާބުކުރި، ޓޮމް އެ މަގާމަށް ހޮވުނުތާ ގާތްގަނޑަކަށް ފަސްމަސް ދުވަސް ވީތަނާ، އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އެކްސްކޯއިން އިސްތިއުފާދިނުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަމުގައިވެސް ހުންނެވި ޓޮމް ވިދާޅުވީ، އޭނާއަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިންތިޚާބުގައި ވޯޓުދިނުމުގެ ޝަރުތު ފުރިހަމަވާ ކްލަބުތަކުގެ މެޖޯރިޓީ ތާއީދު އޭނާއަށް އޮތުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް ގިނަ ކްލަބުތަކެއްގެ ތާއީދު. ގާތްގަނޑަކަށް 21 ކްލަބުގެ ފުރިހަމަ ތާއީދު އެބައޮތް. އެއީ މިވަގުތު އަޅުގަނޑަށް އެންމެ މުހިއްމު އެއްޗަކީ،" ސަން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓޮމް ވިދާޅުވިއެވެ.