ސްރީލަންކާގެ ބަޖެޓު އެއާލައިން މިހިން ލަންކާ ހުއްޓާލައި، އެގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއާ މިހިން ލަންކާ އެއްކޮށްލުމަށް ނިންމާފައިވާ އިރު، މިހިން ލަންކާގެ ވީހާވެސް ގިނަ މުވައްޒަފުންނަށް ސްރީލަންކަންއިން ވަޒީފާ ދޭނެ ކަމަށް ސްރީލަންކަން އެއާލައިންސްއިން ބުނެފިއެވެ.

ސްރީލަންކާގެ ސަރުކާރުން ނިންމާފައިވަނީ، މިހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހަށްފަހު، މިހިން ލަންކާގެ އޮޕަރޭޝަންތައް ހުއްޓާލުމަށެވެ. އަދި އެ އެއާލައިނުގެ މުދާ ސްރީލަންކަންއަށް ދިނުމަށްފަހު، މިހިންގެ ދަރަނިތަކަށް ވެސް ސްރީލަންކަންއިން ޒިންމާވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި މިހިން ލަންކާއިން ދަތުރުކުރަމުން އައި މަންޒިލުތައް ސްރީލަންކަންއިން ކަވަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހިން ލަންކާގެ ފްލައިޓު އޮޕަރޭޝަންތައް މި މަހުގެ ނިޔަލަށް ނިންމާލައި، އެއާލައިނުގެ ވިޔަފާރި އޮޕަރޭޝަންތައް ޑިސެމްބަރު މަހުގެ ތެރޭގައި ހުއްޓަލަން ނިންމާފައިވާ އިރު، އެ އެއާލައިނުގެ މުވައްޒަފުންނަށް އެކަމުގެ އަސަރު ކުރާނެ ކަމުން، ސްރީލަންކަންއިން އެކަމަށް ޕްލޭންތަކެއް ކޮށްފައިވާ ކަމަށެވެ.

"މި އެއާލައިނުން ވަނީ މިހިން ލަންކާ ސްޓާފުން ޑީޕްލޯއި ކުރުމަށް ޕްލޭންތަކެއް ހަދާފައި. މިހާތަނަށް، މިހިން ލަންކާގެ 304 ސްޓާފުންގެ ތެރެއިން 130 ސްޓާފަކު ސްރީަލންކަންއަށް ރިކްރޫޓު ކުރުމުގެ ކަންކަން ވަނީ ކުރެވިފައި،" ސްރީލަންކަންއިން ބުނެއެވެ.

ސްރީލަންކަންއިން ބުނީ ޑިސެމްބަރުގައި މިހިންގެ ވިޔަފާރި ހުއްޓާލުމާ ހަމައަށް، އެކުންފުނީގެ މުވައްޒަފުން ރިކްރޫޓު ކުރަމުންދާނެ ކަމަށާއި، ސްރީލަންކަންގެ ވަޒީފާއަކަށް ނުހޮވޭ މިހިން ލަންކާ މުވައްޒަފުންނަށް ސަރުކާރުގެ ގައިޑްލައިންތަކުގެ ދަށުން ސާވިސް ސެވެރަންސް ޕެކޭޖެއް ދޭނެ ކަމަށެވެ.

މިހިން ލަންކާ ދަތުރުކުރާ މަންޒިލުތަކަކީ ރާއްޖޭގެ ވެރިރަށް މާލެ، ބަންގްލަދޭޝްގެ ދާކާ، ބަހްރައިން، އިންޑިއާގެ ޗެންނާއީ، ކޮލްކަޓާ، މަޑޫރާއި، އިންޑޮނޭޝިއާގެ ޖަކާޓާ، އޮމާންގެ މަސްކަޓް، ސީޝެލްސްގެ މާހޭ އަދި އެއާލައިންގެ މައި ހަބް، ކޮލޮމްބޯއެވެ.

މިހިން ލަންކާގެ އޮޕަރޭޝަންތައް މުޅިން ހުއްޓާލުމާ ދިމާލަށް ދާ އިރު، އެ އެއާލައިންގެ ފްލީޓުގައި އޮތީ ހަތަރު އެއާކްރާފްޓެވެ. އެއީ އެއާބަސް އޭ321ގެ ދެ ބޯޓާއި، އެއާބަސް އޭ320ގެ ބޯޓަކާއި އެއާބަސް އޭ319ގެ ބޯޓެކެވެ.

މިހިން ލަންކާ 2007 ވަނަ އަހަރު އުފެއްދީއްސުރެ، މިއަދާ ހަމައަށް އެ އެއާލައިނަށް މާލީ ގޮތުން ފައިދާއެއް ކޮށްފައި ނުވެއެވެ. މިއަހަރު ފެށުނު އިރު މިހިން ލަންކާގެ މާލީ ގެއްލުމުގެ އަދަދު ހުރީ 17 ބިލިޔަން ލަންކާ ރުޕީސްގައެވެ. އެއީ 116 މިލިޔަން ޑޮލަރެވެ. އެހެން ނަމަވެސް މިވަގުތު މިހިން ލަންކާގެ ދަރަނި އޮތީ 105.6 މިލިޔަން ޑޮލަރުގައެވެ. އަދި ކެޕިޓަލް ޚަރަދަކީ 122.8 މިލިޔަން ޑޮލަރެވެ.