24 Oct 2016, 13:48
މޯލްޑިވްސް މީޑިއާ ކައުންސިލުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާތީ، މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލަށް އިންތިހާބު ކުރެވޭ މެމްބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. މީޑިއާ ކައުންސިލުގައި މިހާތިބި 13 މެމްބަރުން އިންތިހާބު ކުރިތާ ދެ އަހަރު ފުރޭނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން ނޮވެމްބަރު ހަތްވަނަ ދުވަހުގެ ކުރިން ސިޓީ ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ. ސިޓީ ހުށަހަޅުއްވާއިރު ފޮޓޯ އާއި ވަނަވަރުގެ އިތުރުން އައިޑީކާޑުގެ ކޮޕީ އަދި ތައުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ ހުށަހެޅުމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ކުށުގެ ރެކޯޑު ފޯމުގެ ކޮޕީއެއްވެސް ހުށަހަޅުއްވަން ޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ޖުމްލަ 13 ގޮނޑި އެކުލެވޭ މީޑިއާ ކައުންސިލުން ހަތް ގޮނޑި ހާއްސަ ކުރެވިފައިވަނީ މީޑިއާ ތަކަށެވެ. އަނެއް ހަ ގޮނޑި އާންމު މެމްބަރުންނަށެވެ.
ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލާނަމަ އެމީހާއަކީ ފާއިތުވި 12 މަސްދުވަހު ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީއަތަށް ކުށެއް ސާބިތު ނުވާ މީހަކަށް ވާންޖެހެ އެވެ. އޭގެ އިތުރުންވެސް ޖިނާއީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތު ނުވުމާއި، ހިޔާނާތާއި ރިޝްވަތުގެ ކުށެއް ކުރިކަން ސާބިތުނުވާ މީހަކަށްވެސް ވާންޖެހެ އެވެ.
ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި އުމަރު ނަސީރު މަގާމުގައި ހުންނެވި އިރު މީޑިއާ ކައުންސިލް އުވާލާ ކަހަލަ ވާހަކައެއްވެސް ދެއްކެވި އެވެ. ނަމަވެސް އެކަމާމެދު ފަހުން އަމަލުކުރި ގޮތެއް ނޭނގެއެވެ. އޭރު އުމަރު ވިދާޅުވެފައިވަނީ މީޑިއާ މޮނިޓަ ކުރުމަށް މިނިވަން ދެ މުއައްސަސާއެއް ބޭނުން ނުވާ ކަމަށެވެ.