މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ، ދައުލަތުގެ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ރިޕޯޓުން ދައްކައިފި އެވެ.

އެ ރިޕޯޓުގައި ވާގޮތުން ދައުލަތުގެ އާމްދަނީގެ ގޮތުގައި 3.46 ބިލިއަން ރުފިޔާ މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބިފައިވާ އިރު އެއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރިވަރަށް ވުރެ ހަތް ޕަސަންޓު ދަށް އަދަދެކެވެ. މިއަހަރުގެ ތިންވަނަ ކުއާޓަރުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 3.72 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީގެ އަދަދު ވެސް ވަނީ 2015 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު ވަރަށްވުރެ 5.8 ޕަސަންޓު ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 3.67 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާ ހިދުމަތުން ނެގޭ ޓެކްސް (ޖީއެސްޓީ) އާއި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 1.32 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. އެއީ މުޅި އާމްދަނީގެ 38.3 ޕަސަންޓެވެ.

ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ 74.7 ޕަސަންޓު ލިބިފައިވަނީ ޓޫރިޒަމްގެ މުދަލާ ހިދުމަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެއީ މުޅި ދައުލަތުގެ އާމްދަނީގެ 22.6 ޕަސަންޓެވެ. ޖީއެސްޓީއިން ލިބުނު 1.32 ބިލިއަންގެ ތެރެއިން 780.88 މިލިއަން ރުފިޔާ ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވެ އެވެ. ބާކީ 543.02 މިލިއަން ރުފިޔާ ލިބިފައިވަނީ އާންމު މުދަލާ ހިދުމަތުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) އިން ނެވެ.

އަދި ބީޕީޓީގެ ގޮތުގައި 996.6 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ދައުލަތަށް ލިބުނު އާމްދަނީގެ 28.8 ޕަސަންޓެވެ. ޖީއެސްޓީއާއި ބީޕީޓީ ވެސް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބިފައިވާ ވަރަށްވުރެ މިއަހަރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޖީއެސްޓީ 2.2 ޕަސަންޓު ދަށަށް ގޮސްފައިވާއިރު، ބީޕީޓީ 5.2 ޕަސަންޓު ވަނީ ދަށަށް ގޮސްފައެވެ.

ޖީއެސްޓީއާއި ބީޕީޓީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދެން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވަނީ ގްރީން ޓެކްސް އާއި ފަތުރުވެރިކަމަށް ދޫކުރާ ބިމުން ނެގޭ ކުލިންނެވެ. ފަތުރުވެރިކަމަށް ދޫކުރާ ބިމުން ނެގޭ ކުލީގެ ގޮތުގައި ދައުލަތަށް 360.43 މިލިއަން ރުފިޔާ ތިންވަނަ ކުއާޓަރުގައި ލިބިފައިވެ އެވެ. އެއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 10.4 ޕަސަންޓެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 143.87 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު އެއީ އާމްދަނީގެ 4.2 ޕަސަންޓެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މިދިޔަ އަހަރަށްވުރެ ޑޮލަރުން ލިބުނު އާމްދަނީ ވަނީ އިތުރު ވެފައެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 122.91 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ ޖުމްލަ އާމްދަނީގެ 54.5 ޕަސަންޓެވެ. އެހެން ނަމަވެސް އެއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީއަށްވުރެ 2.9 ޕަސަންޓު ދަށް އަދަދެކެވެ.