24 Oct 2016, 11:04
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމެއް ހިންގައިފި އެވެ.
އޮޑިޓަރު ޖެނެރަލް އޮފީހުގެ ތަފާތު މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ގޮތުން ޖުމްލަ 55 ބައިވެރިންނާ އެކު، ދެ ދުވަހުގެ މުއްދަތަކަށް އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.
ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރާ ހަމައަށް، ހަފުތާ ބަންދާ ދިމާކޮށް ހިންގި އެ ޓްރެއިނިން ޕްރޮގްރާމުގައި ލީޑާޝިޕް ސްކިލްތަކާއި، ތިއަރީގެ އިތުރުން ޕްރެކްޓިކަލް ސެޝަންތަކާއި، އެތިކަލް ޑިސިޝަންމޭކިން އާއި އަމިއްލަ ނަފުސު ދެނެގަތުމާއި ފަސްޓް އެއިޑް، މެސް އެޓިކެޓްސް އަދި ސެލްފް ޑިފެންސް ފަދަ ހުނަރު ތަކާއި ފަޔަ ފައިޓިން، ކޮންފްލިކްޓް ރިސޮލިއުޝަން އާއި ރެސްކިޔު ސްކިލްތަކާއި ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
އޭގެ އިތުރުން ޓީމް ބިލްޑިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ކުރިން، ޕްރޮގްރާމުގައި ކުރިއަށް ގެންދިޔަ ބައިތަކަށް ބައިވެއިވެރިން އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމުގެ އަމަލީ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެ ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އޮފިސަރުންގެ ތެރެއިން ކަމުގެ ތަޖްރިބާ ކާރުންނެވެ.
އެ ޕްރޮގްރާމްގެ ބައިވެރިން ބުނި ގޮތުގައި އެ ޕްރޮގްރާމަކީ ވަރަށް ގިނަ ކަންކަމަށް ލޯހުޅުވާލަދިން، ގިނަ ހުނަރުތަކެއް ދަސްވި، ބޭނުން ތެރި ޕްރޮގްރާމެކެވެ. އަދި އެ ޓްރެއިނިން ފުރިހަމަ ކުރެވުނު ކަމަށްޓަކައި އުފާކުރާކަމުގައި ބައިވެރިން ބުންޏެވެ.