އާމިރު ޚާން އަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ތަޖުރިބާ ގިނަ، އަދި ހުނަރުގެ ގޮތުން ބަލާއިރު ވެސް އެންމެ ކުރީގައި ހިމެނޭ ފަންނާނެވެ. ފާއިތުވި އަހަރުތަކުގައި އާމިރު ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވަނީ މުޅިން ވެސް ކާމިޔާބު ފިލްމުތަކެވެ.

އެންމެ މޮޅު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ '3 އިޑިއަޓްސް' ގައި އިންޖިނިއަރިންގް ދަރިވަރެއްގެ ގޮތުގައި ފެނުނު އާމިރު ބޮލީވުޑުން ނުފެންނަ ދުވަހަކުން، ބޮލީވުޑުން ފަޅުކަމެއް އިހުސާސް ކުރެވޭނެ ކަން ޔަގީނެވެ.

އާމިރުގެ އާއިލާ އަކީ ފިލްމީ އާއިލާ އެކެވެ. އާމިރުގެ ބައްޕަ ތާހިރު ހުސައިން އަކީ ޑައިރެކްޓަރެކެވެ. ބޮޑުބޭބެ އަކީ ޑައިރެކްޓަރު ނާސިރު ހުސައިން އެވެ. ނަމަވެސް އާމިރު ފިލްމީ ދާއިރާއާ ގުޅުމަކީ އާއިލާ އިން ބޭނުންވި ގޮތެއް ނޫނެވެ. އޭނާގެ އާއިލާ އިން ބޭނުންވީ މުސާރަ އާއި މަސައްކަތުގެ ޔަގީންކަން ލިބޭ ފަދަ ދާއިރާ އަކުން އާމިރު ކުރިއަށް ދިއުމަށެވެ. އޭނާ އިންޖިނިއަރަކަށް ވުމަށެވެ.

އާއިލާ އިން ބުނި ބަސް އެހި ނަމަ އާމިރު ބޮލީވުޑުން ނުފެނުމުގެ ފުުރުސަތު ވެސް އެބަ އޮތެވެ.

"އާއިލާގެ ހުރިހާ މެމްބަރުން ވެސް ގަބޫލު ކުރީ ފިލްމީ ދާއިރާ އަކީ ރަނގަޅު ދާއިރާއެއް ނޫން ކަމަށް. ބޮޑުބޭބެ ވެސް އަދި ބައްޕަ ވެސް ނަސޭހަތްތެރިވީ ފިލްމީ ދާއިރާއާ ނުގުޅުމަށް،" އާމިރު ބުންޏެވެ.

އާމިރު ބުނީ އާއިލާ އިން ބޭނުންވި ނަމަވެސް އިންޖިނިއަރިން ކިޔަވައިގެން އެ ދާއިރާ އިން ކުރިއަށް ނުދެވޭނެ ކަން އޭނާ އަށް އަބަދު ވެސް އެނގޭ ކަމަށެވެ.

އެހެންކަމުން އޭނާ ފިލްމު ކުޅެން ފެށި އާއިލާ އަށް ސިއްރުންނެވެ. އަދި ޕޫނޭގައި ހުންނަ ޓެލެވިޜަން އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ޑިޕްލޮމާ އަށް ވެސް ކިޔެވި އެވެ.

"އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނުވި ބައްޕަ ނޫނީ ބޮޑުބޭބެ އަހަރެން ފިލްމީ ދާއިރާ އަށް ނެރޭކަށް. އެހެންވެ އެކްޓު ކުރަން ޝައުގުވެރިކަން ހުރި ވާހަކަ އެއްވެސް މީހަކު ކައިރީ ނުބުނަން. އެހެންވެ އަހަރެން ބޭނުންނީ އަމިއްލ މަސައްކަތުން މި ދާއިރާއަށް ނުކުމެ، ހުނަރު ހުރިކަން ސާބިތުކޮށްދޭން،" އާމިރު ބުންޏެވެ.

ފިލްމު ކުޅެން ހުރި ޝައުގެއްގެ ބޮޑު ކަމުން، އާމިރު ފިލްމު ޝޫޓިންތަކަށް ދިޔައީ އާއިލާ އަށް ފިލައިގެންނެވެ. އާމިރު އެންމެ ފުރަތަމަ ކެމެރާގެ ކުރިމަތިން ފެނިފައި ވަނީ 1980 ނުވަތަ 1981 ވަނަ އަހަރު ނުކުތް އަދިއްތުޔަ ބަޓަޗާރިއާގެ 40 މިނެޓުގެ ކުރު ފިލްމަކުންނެވެ.

"ޝަބާނާ (ޝަބާނާ އަޒްމީ) އެ ފިލްމު ބަލާފައި އަހަރެން ފިލްމުން ފެނިގެން ސުވާލު ކުރި. އޭރު ޝަބާނާ މަސައްކަތް ކުރަމުން ދިޔައީ ބައްޕައާ އެކު ޚޫން ކީ ޕުކާރް ކިޔާ ފިލްމެއްގައި. ދެން ޝަބާނާ ބުނީ އަހަރެންނަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށް ބައްޕަ ކައިރީ ބުނެދޭނަމޭ. އަހަރެން ބުނިން ކޮންމެސް ބައްޕަ ކައިރީ ނުބުނައްޗޭ. ޝަބާނާ ބުނީ ތިއީ ވަރަށް މޮޅު އެކްޓަރެކޭ، ބައްޕަ ކައިރީ ވާނޭ ބުނަން. އަހަރެން ވަރަށް އުފަވި އެ ދުވަހު،" އާމިރު ބުންޏެވެ.

އާއިލާ އަށް ސިއްރުން ނަމަވެސް އާމިރު ފިލްމީ ދާއިރާ އަށް ނުކުމެ، މުޖުތަމައު އަށް ފައިދާ ހުރި ނަސޭހަތްތަކެއް އެކުލެވިގެންވާ ފިލްމުތަކާއި ގައުމީ ރޫހު އުފައްދައިދޭ އިބުރަތްތެރި ފިލްމުތަކެއް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

'ތާރޭ ޒަމީން ޕަރް'، 'ރަންގް ދެ ބަސަންތީ'، 'ޕީކޭ'، '3 އިޑިއަޓްސް' ފަދަ ފިލްމުތަކަކީ އާމިރުގެ ފާހަގަ ކޮށްލެވޭ ފިލްމުތަކެވެ.

އާމިރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު ދަންގާލް އިންނެވެ.