އަންކާރާ (އޮކްޓޯބަރު 24): ތުރުކީގެ ފެކްޓަރީތަކުގައި އިނގިރޭސިވިލާތުގެ ބްރޭންޑުތަކަށް ހެދުން ފެހުމަށް ސީރިއާގެ ރެފިއުޖީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާ ކަމަށް ބީބީސީން ހެދި ސިއްރު ތަހުގީގަކުން ދައްކައިފި އެވެ.

ތުރުކީގެ ބައެއް ހެދުން ފަހާ ކާރުހާނާތަކަށް ގޮސް ބީބީސީގެ ޕެނޮރާމާ ޓީވީ ޕްރޮގްރާމުން ހެދި ތަހުގީގަކުން ދެއްކި ގޮތުގައި ކުޑަކުދިން މަސައްކަތް ކުރާ ފެކްޓަރީތަކުން ހެދުން ފަހައިދޭ ބްރޭންޑުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މާކްސް އެންޑް ސްޕެންސާ (އެމްއެންޑްއެސް) އާއި އޮންލައިން ފިހާރައެއް ކަމަށްވާ އެސޮސް ހިމެނެ އެވެ. އަދި ޒާރާ އާއި މެންގޯ ޖީންސް ފެހުމުގައި ވެސް ބައެއް ރެފިއުޖީން ހަރަކާތްތެރިވާ މަންޒަރު ފެނުނު ކަމަށް ބީބީސީން ބުނެ އެވެ.

އެބްރޭންޑުތަކުން ވަނީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުމަކީ އެބްރޭންޑުތަކުން ހުއްދަ ދޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެމްއެންޑްއެސްއިން ވަނީ އެކުންފުންޏަށް ހެދުން ފަހައިދޭ ތުރުކީގެ ކާރުހާނާތަކުން ސީރިއާގެ އެއްމެ ރެފިއުޖީއެއް ވެސް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

ތުރުކީގައި ސީރިއާގެ ކުޑަކުދިން މަސައްކަތް ކުރާ ފެކްޓަރީއެއްގައި އިނގިރޭސިވިލާތުގެ އެމްއެންޑްއެސް ލޭބަލެއް -- ފޮޓޯ: ބީބީސީ

ނަމަވެސް ތުރުކީގައި ހުންނަ އެމްއެންޑްއެސްގެ މައި ފެކްޓަރީއެއްގައި ސީރިއާގެ ހަތް ރެފިއުޖީން މަސައްކަތް ކުރާ ކަން އެނގިފައިވާ ކަމަށް ބީބީސީގެ ތަހުގީގީ ޓީމުން ބުނެ އެވެ. އަދި އެފެކްޓަރީތަކުގައި މަސައްކަތް ކުރާ ރެފިއުޖީންނަށް ދެނީ ގަޑި އިރަކަށް އެއް ޕައުންޑު ކަމަށާއި އެއީ ތުރުކީގައި މަސައްކަތް ކުރާ މީހަކަށް ދޭން ޖެހޭ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖަށް ވުރެ މާކުޑަ އަދަދެއް ކަމަށް ބީބީސީން ބުނެ އެވެ.

"އެމީހުން ދައްކާ އެމީހުންނަށް ލިބޭ ކުޑަ މުސާރަ އާއި މަސައްކަތް ކުރަން ޖެހޭ މާހައުލުގެ ވާހަކަ. އެމީހުންނަށް އެނގޭ (ފެކްޓަރީތަކުން) އެމީހުންގެ ފައިދާ ނަގަނީކަން ނަމަވެސް އެނޫން އެހެން ގޮތެއް ނެތް ކަމަށްވެސް އެމީހުން ބުނޭ،" ތުރުކީގެ ފެކްޓަރީތަކުގައި މަސައްކަތް ކުރާ ސީރިއާގެ ރައްޔިތުންނާ ވާހަކަ ދެއްކުމަށް ފަހު ޕެނޮރާމާގެ ރިޕޯޓަރަކު ބުންޏެވެ.

އެހޯދުންތަކާ ގުޅިގެން އެމްއެންޑްއެސްއިން ވަނީ އެއީ "ވަރަށް ސީރިއަސް މައްސަލައެއް" ކަމަށް ބުނެފަ އެވެ. އަދި އެކުންފުނިން ވަނީ ފެކްޓަރީތަކުގައި މަސައްކަތް ކުރާ ސީރިއާގެ ރެފިއުޖީންނަށް ދާއިމީ ވަޒީފާއެއް ލިބެންދެން އެމީހުން ފެކްޓަރީގައި މަސައްކަތް ކުރުމަށް ހުއްދަ ދޭން ނިންމާފަ އެވެ.

އެސޮސް އިން ބުނި ގޮތުގައި ބީބީސީގެ ޓީމުން ތަހުގީގު ކުރި ފެކްޓަރީގައި އެކުންފުނީގެ ހެދުން ފެހި ނަމަވެސް އެއީ އެކަން ކުރުމަށް ހުއްދަ ދީފައިވާ ފެކްޓަރީ އެއް ނޫނެވެ. އަދި ބީބީސީގެ ރިޕޯޓަށް ފަހު އެކުންފުނިން ބެލި ބެލުމުން އެފެކްޓަރީގައި ސީރިއާގެ 11 މީހަކާއި 16 އަހަރުން ދަށުގެ ސީރިއާގެ ތިން ކުޑަކުދިން މަސައްކަތް ކުރާ ކަން އެނގިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. އެސޮސްއިން ވަނީ އެފެކްޓަރީގައި މަސައްކަތް ކުރި ކުޑަކުދިންނަށް ސްކޫލް ދިޔުމަށް ފައިސާގެ އެހީ ދިނުމަށާއި އަނެއް 11 މީހުންނަށް ތުރުކީން ދާއިމީ ވަޒީފާ ލިބެންދެން މަސައްކަތް ކުރުމަށް ހުއްދަ ދިނުމަށް ނިންމައިފަ އެވެ. (ބީބީސީ)