24 Oct 2016, 11:00
އަންކަރާ(އޮކްޓޯބަރ 24): ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމުގެ ކަންތައްތައް ކުރިޔަށްގެންދާކަން އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ، ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ޕާލަމެންޓަށް ހުށަހަޅާ ބިލް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެބިލް ޕާލަމެންޓަށް ހުށަހަޅާނެ ކަމުގައެވެ.
މިބިލްގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މައްސަލައެވެ. މިފަދަ ވޯޓެއް ނެގޭނީ ޕާލަމެންޓްގެ ހުއްދަލިބިގެންނެވެ. އަދި ތުރުކީގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ލިބިގެންނެވެ.
މިއަދަދަށް މެންބަރުންގެ ތާއީދު ލިބޭނީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެވެސް އެއްބާރުން ލިބިގެންކަމަށްވާތީ ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީން ގެންދަނީ އެގައުމުގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ނެޝަނަލް މޫމެންޓް ޕާޓީއާ މިކަމުގައި މަޝްވަރާ ކުރަމުންނެވެ.

ބިންއަލީ ޔެލްޑްރިމް
ތުރުކީގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވެރިކަން ކުރާ ޕާޓީން ބޭނުންވާ މައްސަލާގައި އިދިކޮޅު ނެޝަނަލް މޫމެންޓް ޕާޓީގެ ޒައީމް ދައުލަތު ބެހެޖްލީ ވިދާޅުވީ މިނިންމުމަށް އޭނާގެ ޕާޓީން ދެކޮޅު ނުހަދާނެ ކަމުގައެވެ. ނަމަވެސް ރިޔާސީ ނިޒާމަކަށް ދާންޖެހޭ ސަބަބެއް އެޕާޓީއަށް ނުވިސްނޭކަމަށް ދައުލަތު ވިދާޅުވިއެވެ.
ތުރުކީ ރިޔާސީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ފަހަތުގައިވަނީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. އުރުދުޣާން އަކީ ތުރުކީގެ ބާރުގަދަ މީހާގެ ނަމުން މަޝްހޫރުވެގެންވާ ޝަޚްސިއްޔަތެވެ. ފާއިތުވި 15 ވަރަކަށް އަހަރު ތެރޭގައި މުޅި ތުރުކީގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ އުރުދުޣާން އެވެ. ތުރުކީއަކީ ބަރުލަމާނީ ނިޒާމުގެ ގައުމެއްކަމުން ތުރުކީގެ ރައީސް ކަމަށް އުރުދުޣާން އިސްވެ ވަޑައިގަތުމުން އޭނާގެ ދަސްތޫރީ ބާރުތައްވަނީ ކުޑަވެފައެވެ.
ތުރުކީގެ ގާނޫނު އަސާސީ ނުވަތަ ދަސްތޫރު ބުނާގޮތުން ތުރުކީގެ ވެރިކަމުގެ ބާރުތައް އޮންނަންޖެހޭނީ ބޮޑުވަޒީރުގެ އަތްޕުޅުގައެވެ. ނަމަވެސް މިހާރުވެސް ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް އަށްވުރެ ތުރުކީގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދައީ އަދި ބާރުވެސް ގަދައީ އުރުދުޣާންގެއެވެ. ތުރުކީގެ ދަސްތޫރަށް ބަދަލުގެނެސްގެން ރިޔާސީ ނިޒާމަކަށް ބަދަލުކޮށްފިނަމަ އިތުރު ދެދައުރު (އިތުރު 10 އަހަރު) ތުރުކީގައި ބާރުގަދަ ރައީސެއްގެ ގޮތުގައި ވެރިކަން ކުރެއްވުމުގެ ފުރްސަތު އުރުދުޣާނަށް ލިބިވަޑައިގަންނަވާނެއެވެ.
އިސްލާމީ ފިކުރުގެ އުރުދުޣާންގެ ވެރިކަމުގައި ތުރުކީއަށްވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައެވެ. މިކަމުގެ ސަބަބުން ލާދީނީ ފިކުރުގެ އިދިކޮޅު ޕާޓީތަކުގެ ތަރި ތުރުކީގައިވަނީ ވަރަށް ބޮޑަށް އޮއްސިފައެވެ. ނޭޓޯގެ ގައުމުތަކުގެ ތެރެއިން އަސްކަރީގޮތުން އެމެރިކާ ފިޔަވައި އެންމެ ބާރުގަދަ ގައުމަކީވެސް ތުރުކީއެވެ. އަދި ދުނިޔޭގެ އިގްތިސާދުގައި ތުރުކީއަކީ 10 ވަނައަށް އެންމެ ވަރުގަދަ އިގްތިސާދުވެސް މެއެވެ. ތުރުކީއަކީ މިހާރު ސިނާއީ ގައުމަކަށް ބަދަލުވަމުންދާ ގައުމެކެވެ. (ނޫސްއެޖެންސީތައް)