ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެއްވެސް މަސައްކަތެއް އެޖެންޑާ ކޮށްފައި ނެތުމުން، މިއަދުގެ ޖަލްސާ ނުބާއްވާ ގޮތަށް އެ މަޖިލީހުން ނިންމައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެ ދުވަހުގެ ފަހުން ހަފްތާއެއް ވަންދެން ޖަލްސާތައް ނުބާއްވައި އޮތުމަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ވަނީ މަޖިލިސް ބާއްވަން ޖެހޭ ދުވަސްތައް ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ މި ތިން ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވާ ދުވަސްތަކެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާގައި އޮތީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު މަޖިލީހަށް ހުށަހެޅުއްވި ދެ ބިލަކަށް ބަހުސް ކުރުމެވެ. އަދި އެ ދެ ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުން ވެސް އެ ދުވަހުގެ ޖަލްސާގައި އޮތެވެ.

އެގޮތުން މިދިޔަ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ތިން މަސް ދުވަހުގެ ތެރޭގައި ބޭންކު އެކައުންޓެއް ހުޅުވަން އޮތް މުއްދަތު ހަ މަހަށް އިތުރުކޮށް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.

ޓޫރިސްޓު ރިސޯޓު އަދި ޓޫރިސްޓު ހޮޓާތަކުގެ މެނޭޖުމަންޓު ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓު ވަޒީފާގެ ފުރުސަތު ދިވެހި މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް ބުނެ ޓޫރިޒަމާ ބެހޭ ގާނޫނަށް ފައިސަލް ހުށަހެޅުއްވި އިސްލާހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވަނީ ބޭރުކޮށްލައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި އޮޑިޓު އޮފީހަށް އަންނަ އަހަރު ކަނޑައަޅާ ބަޖެޓު ވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން މާލިއްޔަތު ކޮމެޓީން ނިންމި ގޮތަށް އޮޑިޓު އޮފީހަށް 45 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.