24 Oct 2016, 09:19
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަކީ ހައްލުނުވެ ދިގުލައިގެންގޮސްފައިވާ މައްސަލައަކަށް ވާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެ އެވެ.
ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ސިއްހީ ފަރުވާ ހޯދަން ދާ އެހޮސްޕިޓަލްގެ ކައުންޓަރުތައް މަތީގަޔާއި މީހުން އިށީނުމަށް ބަހައްޓާފައި ހުންނަ ގޮނޑިތައްމަތީ ބުޅާ އުޅުމަކީ ދުވަސްވީ މައްސަލައެކެވެ. ބައެއް ފަހަރު ބަލިމީހުން އެޑްމިޓްކުރާ އެނދުތައް މަތީވެސް އުޅެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ފަރާތުން ޝަކުވާ އަންނަ ކަމަށާއި އެކަން ހައްލު ކުރުމަށް ސީލިންގު ފަދަ ބުޅާ ވަންނަ ބައެއް ތަންތަން ބަންދު ކުރަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗަކީ ވަށައިގެން ހުޅުވާލެވިފައި އޮންނަ ތަނަކަށްވުމާއި އެސަރަހައްދަކީ ބުޅާ ގިނަ ސަރަހައްދަކަށްވުމުން އެކަން ހުއްޓުވުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯޕަން ތަނެއްވީމާ ދުވެފައި ވަދެގެންދާ އިރު އަޅުގަނޑުމެންނަށް ފަހައިގަނެވޭނީ ދެއްތޯ، ފެންނަވަރަކުން ހައްލު ކުރަމުންދަނީ، މިއީ އަޅުގަނޑުމެންނަށް ވެސް ބޮޑުވެފައިވާ މައްސަލައެއް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގޮނޑިތަކާއި ބަލިމީހުންތިބޭ އެނދުތަކަށް ބުޅާއެރުމުން އެތަންތަން ސާފްކޮށް ހަދަމުން އަންނަ ކަމަށެވެ.
ތަފާތު ބަލިތައް ފަތުރާ ބުޅަލުގެ މައްސަލަ ބޮޑުވެ މީގެ ކުރިން ވެސް އައިޖީއެމްއެޗުން ވަނީ އެކަން ހުއްޓުވުމަށް މަސައްކަތްތަކެއްކޮށްފަ އެވެ. އެސަރަހައްދަކީ "ވަގުބުޅާ" ގިނަ އަދަދަކަށް އުޅޭ ސަރަހައްދެކެވެ.