24 Oct 2016, 09:16
ހުނަރުވެރި ދެ އެކްޓަރުން ކަމުގައިވާ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންގ އަކީ ބޮލީވުޑުގެ އެންމެ ކަމުދާ އެއް ޖޯޑެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް އެއްބަސްވެފައި ނުވި ނަމަވެސް، އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ.
އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާއިރު، އެ ގުޅުމަކީ ގިނަ ބަޔަކު މިސާލު ޖެހި ގުޅުމެކެވެ.
ނަމަވެސް މިހާރު ދީޕިކާ އާއި ރަންވީރާ ދެމެދު މައްސަލަ ޖެހި، ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، ދެމީހުން ވަނީ މިހާރު ދުރުވެފައެވެ.
ވަރަށް ލޯބިން އުޅެމުން އައި ދެމީހުން ކުއްލިއަކަށް ދުރުވާން ޖެހުނީ ކީއްވެބާ އެވެ؟ ބައެއް ރިޕޯޓުތައް ބުނާގޮތުން، ދީޕިކާ އާއި ރަންބީރުގެ ގުޅުން ގޯސްވުމުގެ ސަބަބަކީ 'އުޅްތާ ޕަންޖާބު'ގެ ހުނަރުވެރި އެކްޓަރު ޝާހިދު ކަޕޫރެވެ.
ރަންވީރު، ދީޕިކާ އަދި ޝާހިދަކީ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު ޕަދްމާވަތީގެ ލީޑު އެކްޓަރުންނެވެ. އެ ފިލްމުގައި ޝާހިދު ކުޅޭނީ ދީޕިކާގެ ފިރިމީހާގެ ރޯލެވެ.
ޚަބަރުތައް ބުނާގޮތުން، އެ ރޯލަށް ޝާހިދު ހަމަޖެއްސުމަށް ބަންސާލީ ގާތު ބުނީ ދީޕިކާ އެވެ. ފިލްމުގައި ދީޕިކާ އާއި ޝާހިދުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭ އިރު، ދީޕިކާ އަމިއްލައަށް އޭނާގެ ފިރިމީހާގެ ރޯލަށް މީހަކު ހަމަޖައްސަން ބޭނުންވުމުން، ރަންވީރު އެކަމާ ހިތްހަމަ ނުޖެހުނީ ކަމަށްވެ އެވެ.
ހަމައެއާ އެކު، ފިލްމުގެ 'ފަސްޓް ލުކް' ގައި ވެސް ދީޕިކާ އަދި ޝާހިދު އެކަނި ހިމެނުމަށް ދީޕިކާ ބުނެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެކަމުގެ ސަބަބުން ރަންވީރު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ ކަމަށްވެ އެވެ.
ދީޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމުން، ޝާހިދު ވަނީ ދީޕިކާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.