ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކާ އެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑްވިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލް އޭނާގެ އެކްސްކޯ އިއުލާން ކޮށްފިއެވެ.

އަންނަ މަހު 20 ވަނަދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ބައްސާމް ހުށަހަޅަފައިވާ އެކްސޯގައި އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހުގެ މެމްބަރުންނެވެ. އޭގެ ތެރެއިން ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ހަމަޖައްސާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފެވެ. ދެވަނަ ނައިބު ރައީސަކީ އެންމެ ފަހުގެ އެކްސްކޯގައި ވެސް ހިމެނުނު ކުރީގެ ވޮލީ އަދި ބާސްކެޓްބޯލް ކުޅުންތެރިޔާ އައިޝަތު ނާޒިމާއެވެ.

މެމްބަރުންގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއުއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އިންތިހާބުގައި ބައްސާމާ ވާދަކުރައްވަނީ މީގެ ފަސް މަސް ކުރިން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ހޮވުނުތާ ގާތްގަނޑަކަށް ފަސްމަސް ދުވަސް ވީތަނާ، އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސްމެންބަރަކުވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ.