24 Oct 2016, 02:06
ގަތަރުގެ ކުރީގެ އަމީރު، ޝެއިޚް ޚަލީފާ ބިން ޙަމަދު އާލް ޘާނީ، އުމުރުފުޅުން 84 އަހަރުގައި އަވަހާރަވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އަމީރުގެ ގަނޑުވަރުން ވަނީ އެކަން އިއުލާނުކޮށްފައެވެ.
ގަތަރުގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި، ޝެއިޚް ޚަލީފާ ބިން ޙަމަދު އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެގައުމުގައި ވަނީ، ހިތާމައިގެ ތިން ދުވަސް އިއުލާނުކޮށްފައެވެ. އެހެން ނަމަވެސް އަމީރު އަވަހާރަވުމާގުޅޭ ގޮތުން އިތުރު މައުލޫމާތު ގަނޑުވަރުން ހާމައެއް ނުކުރެއެވެ.
ޝެއިޚް ޚަލީފާ ބިން ޙަމަދު އާލް ޘާނީގެ ޖަނާޒާ ހޯމަދުވަހު ބާއްވާނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ޝެއިޚް ޚަލީފާ އަވަހާރަވުމާ ގުޅިގެން އެގައުމުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ގައުމުތަކުން ދަނީ، އެމަނިކުފާނުގެ ފުރާނަފުޅަށް ހެޔޮރަހްމަތްލެއްވުން އެދި ދުއާކޮށް ތައުޒިޔާ ފޮނުވަމުންނެވެ.
އަމީރު އަވަހާރަވުމާ ގުޅިގެން ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނުކުރުމުން، ސަރުކާރުގެ އިމާރާތްތަކުގައި ނަގާފައިވާ ގަތަރުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއި، އެ މުއްދަތުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ދައުލަތުގެ ހާއްސަ ހަފްލާތައް ވަނީ ކެންސަލްކޮށްފައެވެ.

ގަތަރުގެ ރިޔާސީ ގަނޑުވަރު -- ފޮޓޯ: ދޯހާ ނިއުސް
ޝެއިޚް ޚަލީފާ އަކީ ޤަތަރުގެ ވެރިކަމުގައި މިހާރު ހުންނެވި، ޝެއިޚް ތަމީމް ބިން ހަމަދު އާލް ޘާނީގެ ކާފާފުޅެވެ. އޭނާ ވަނީ 1972 ން 1995އަށް ގަތަރުގެ ވެރިކަން ކުރައްވައިފައެވެ.
ޝެއިޚް ޚަލީފާ ގަތަރުގެ ވެރިކަމުން ދުރުކުރީ، އޭނާގެ ދަރިކަލުން ޝެއިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ (މިހާރު ހުންނެވި އަމީރުގެ ބައްޕާފުޅު) ގެންނެވި ލޭއޮހޮރުވުމެއް ނެތް އިންގިލާބެއްގައެވެ. އޭރު ޝެއިޚް ޚަލީފާ ހުންނެވީ، ޗުއްޓީ ހޭދަކުރެއްވުމަށް ސްވިޓްޒަލޭންޑުގައެވެ. އެގޮތުން މީގެ 12 އަހަރު ކުރިން އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރީން ޝެއިޚް ޚަލީފާ އުޅުއްވީ ފްރާންސްގައެވެ.
ގަތަރުގެ އައް ރައްޔާނަށް 1932 ވަނަ އަހަރު އުފަންވެވަޑައިގެންނެވި، ޝެއިޚް ޚަލީފާ ވަނީ، ގަތަރުގެ ޑެޕިއުޓީ އަމީރަކަށްވެވަޑައިގަތުމުގެ ކުރީން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.
ގަތަރުގެ އަމީރުކަން ވާރުތަވާނީ، ޝެއިޚް ޚަލީފާއަަށްކަން އިއުލާނުުކުރީ، 1960 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އޭގެ ފަހުން ފާއިތުވެ ދިޔަ 12 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގަތަރުގެ ޕްރައިމްމިނިސްޓަރު ކަމާއި، ފިނޭންސް މިނިސްޓަރުކަން ވެސް ޝެއިޚް ޚަލީފާ އަދާކުރެއްވިއެވެ.
ޝެއިޚް ޚަލީފާ ބިން ޙަމަދު އާލް ޘާނީ ވެރިކަމާ ހަވާލުވެވަޑައިގަތީ، އިނގިރޭސީންގެ އަޅުވެރިކަމުގެ ދަށުން ގަތަރަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުންނެވެ.