އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް އެޓީމުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު 4-0 ލަނޑުގެ ލަދުވެތި ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ. މިއީ ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވިފަހުން އެ ޓީމު އެންމެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވި ފަހަރެވެ.

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު ފޯރިގަދަ މެޗު ފަށައިގެން 30 ސިކުންތުގެ ތެރޭގައި އެންޓޯނިއޯ ކޮންޓޭގެ ޗެލްސީން ވަނީ، ޔުނައިޓެޑްގެ ގޯލް ހުޅުވާލައިފައެވެ. ޔުނައިޓެޑްގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒެވެ.

ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު ގެރީ ކޭހިލް އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް

ޗެލްސީން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނިޓްގައެވެ. އެޓީމަށް ލިބުނު ކޯނަރަކުން އެޑެން ހާޒާޑް ޔުނައިޓެޑްގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ގޯލްތެރެއަށް ފޮނުވާލީ ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލްއެވެ.

ދެލަނޑުގެ ލީޑަކާއެކު ޗެލްސީން ދެވަނަ ހާފު ފެށި ނަމަވެސް ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ނަތީޖާ ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް، ނަމެންޔާ މަޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗެލްސީގެ ހުނަރުވެރި މިޑްފީލްޑަރު އެޑިން ހަޒާޑް 62 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑާއެކު ޔުނައިޓެޑަށް ގޮތްހުސްވީއެވެ.

ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު ހަޒާޑް އުފާފާޅުކުރަނީ -- ފޮޓޯ: ގޯލް

އަނިޔާގައި ހުރި، ކެޕްޓަން ރޫނީއާ ނުލައި ޔުނައިޓެޑުން ކުޅުނު މެޗުގައި އެޓީމު ކޮޅަށް ޗެލްސީ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ 70 ވަނަ މިނިޓްގައެވެ. ޔުނައިޓެޑްގެ އަގުބޮޑު ފޯވާޑް ޕައުލް ޕޮގްބާއާއި ޑިފެންޑަރު ކްރިސް ސްމޯލިން ބީޓުކުރުމަށްފަހު ކީޕަރު ޑޭވިޑް ޑެހެއާއަށް ކުޑަވެސް ފުރުސަތެއް ނުދީ އެލަނޑު ކާމިޔާބުކުރީ، އެންގޯލޯ ކަންޓޭއެވެ.

މިއީ ޕްރިމިއަ ލީގުގައި މޮރީނިއޯ ކޯޗުކޮށްދިން ޓީމެއް ހަތަރު ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑުން ބަލިވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް ބަލިވި މެޗަކީ، 2015 ވަނަ އަހަރު ޓޮޓެންހަމް އަތުން 3-5 ލަނޑުން ޗެލްސީ ބަލިވި މެޗެއެވެ.

ޗެލްސީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންގޯލޯ ކަންޓޭ -- ފޮޓޯ: ގޯލް

މޮރީނިއޯ ޗެލްސީގެ ކޯޗުކަމުން ދެވަނަ ފަހަރަށް ވަކިކުރީ، އޭރު ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި އޮތް ޗެލްސީ ލީގުގެ 16 ވަނައަށް ވެއްޓިފައި ވަނިކޮށެވެ. އަދި މިއީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އޭނާ ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ސްޓެމްފޯޑް ބްރިޖަށް އޭނާކުރި ފުރަތަމަ ޒިޔާރަތެވެ.

މެޗުގެ ކުރީން ވާހަކަދައްކަމުން، މޮރީނިއޯ ބުނެފައި ވަނީ، އޭނާ ޗެލްސީގެ ދަނޑަށް ޒިޔާރަތްކުރުމުން އެޓީމުގެ ސަޕޯޓަރުން އޭނާއަށް ކޮންމެ ގޮތަކަށް މަރުހަބާކީނަމަވެސް އެއްވެސް ފަރުވާލެއް ނެތްކަމަށެވެ. އެހެންނަމަވެސް، ޗެލްސީއަށް ދެފަހަރެއްގެ މަތިން ކޯޗުކޮށްދީ ހަތް ޓްރޮފީ އެޓީމަށް ހޯދައިދިން ކޯޗަށް ސްޓެމްފޯޑް ބްރިޖުން ކިއީ ހޫނު މަރުހަބާއެކެވެ. ޔުނައިޓެޑްގެ ވެހިކަލުން މޮރީނިއޯ ފޭބުމާއެކު ޗެލްސީގެ އެތަކެއް ސަތޭކަ ސަޕޯޓަރުން އޭނާއަށް މަރުހަބާކިޔުމަށް އެއްވި އިރު، އޭނާއަށް އިސްތިގުބާލުކުރުމަށް ކެޕްޓަން ޖޯންޓެރީއާއި އިތުރު ކުޅުންތެރީން އެތަނަށް ދިޔައެވެ.

ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ވާހަކަދައްކަނީ -- ފޮޓޯ: ބީބީސީސްޕޯޓްސް

މިނަތީޖާއާއެކު ޗެލްސީ ވަނީ، ލީގުގެ ގަދަ ހަތަރަކަށް ކުރިއަށް ޖެހިލައިފައެވެ. ލީގުގައި ކޮންމެ ޓީމެއްވެސް ނުވަ މެޗު ކުޅެފައި ވާއިރު، ޖުމުލަ 19 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ އެންމެ ޕޮއިންޓެއް މަދުން ލިބިގެނެވެ. 20 ޕޮއިންޓް ހޯދައިގެން އެއް ގޯލްގެ ތަފާތުން ތާވަލުގެ ކުރީގައި ސިޓީ އޮތްއިރު، ހަމަ އެ އަދަތަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ އާސެނަލްއެވެ. 20 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ލިވަޕޫލެވެ. ޔުނައިޓެޑް އޮތީ ނުވަ މެޗުން ލިބުނު ޖުމުލަ 14 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.