23 Oct 2016, 22:57
ޕީޕީއެމް އާއި އެމްޑީއޭގެ ޓިކެޓު ދޫކޮށް އަމިއްލަ ޓިކެޓުގައި ވާދަކުރުމަކީ އެބޭފުޅަކު ނިސްބަތްވާ ރަށަށް ލިބެން އޮތް ކުރިއެރުމަކަށް އެޅޭ ހުރަހަކަށް ވެދާނެ ކަމަށް ޕީޕީއެމް ރައީސް ޔާމީން ފެކްޝަނުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެބޭފުޅުން ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މާދަމާއިން ފެށިގެން ދަރުބާރުގޭގައި ހުންނަ އެބޭފުޅުންގެ އޮފީހަށް ފޯމު ހުށަހަޅުއްވަމުން ގެންދިއުމަށް އެދޭ ކަމަށެވެ.
ބައެއް ފަރާތްތަކުން ޕީޕީއެމް ޓިކެޓް ދޫކޮށް އަމިއްލަގޮތުން ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އެއީ ރަށުގެ ތަރައްގީއަށް ދެވޭ ގެއްލުމަކަށް ވެދާނެ ކަމަށާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރެއްވުމުގެ ބަދަލުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް އަބްދުއްރަހީމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ޕީޕީއެމްގެ ސަރުކާރެއް ހިނގަމުންދާއިރު، ޕީޕީއެމްގެ ޓިކެޓް ދޫކޮށްލައްވާފައި އަމިއްލަ ޓިކެޓުގައި ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެން ގޮނޑި ކާމިޔާބު ކުރައްވާށޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެބޭފުޅުން އަމަލު ކުރައްވާނީ ކޯޓު ހުކުމާ އެއްގޮތަށް ކަމަށް،" އެހެންކަމުން ޕީޕީއެމް ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާނީ ދަރުބާރުގޭގައި ހުންނަ ޕީޕީއެމްގެ އިންތިހާބާ ބެހޭ އޮފީހަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެން އޮފީހަކަށް ފޯމު ހުށަހަޅާނަމަ ޕީޕީއެމް ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
އަތޮޅުތަކުގައި ތިއްބެވި ބޭފުޅުން ވެސް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ތަނަވަސްް ކޮށްދޭނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ރައީސް މައުމޫނު ފެކްޝަނުން ވެސް ވަނީ ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެ ފެކްޝަނުގެ ފޯމުތައް ހުށަހަޅަން ޖެހެނީ ޕީޕީއެމްގެ ރަސްމީ އޮފީހަށެވެ.